މާލެއަށް ފައިބައިފިނަމަ އެނބުރި ރަށަށް ދެވޭނީ ކަރަންޓީން ވުމަށްފަހު: އެލްޖީއޭ

މެއި 14، 2020: ކޮވިޑް-19 ފެތުރޭތީ، ވެރިރަށް މާލެ ފުރަބަންދުގައި އޮތް އިރު މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮކްޑައުންއަށް ލުއިދިން ނަމަވެސް މާލެއަށް އަންނަ އުޅަނދުފަހަރުން މީހުން ފޭބުމަކީ މަނާކަމެއް ކަމަށާއި މާލެއަށް ފައިބައިފިނަމަ އަނބުރާ ރަށަށް ދެވޭނީ ކަރަންޓީން ވުމަށްފަހު ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުން މާލެއަށް މުދާ ހިފައިގެން އަންނަ އޮޑިދޯނިފަހަރުން މީހުން ފައިބާ މައްސަލަ މިހާރު ވެސް ކޮންމެވެސް ވަރަކަށް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ މަނާކަމެއް ކަމަށެވެ.

"މާލެއަށް އަރާ ފޭބުމަކީ މަނާކަމެއް. މިސާލަކަށް ފަޅުވެރިއަކަށް މާލެ ފޭބިއްޖެނަމަ، އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވެގެންދާނެ. އެ ފަރާތެއް ދެން ދާން ޖެހޭނީ ކަރަންޓީނަށް. ކަރަންޓީން ކުރެވިގެން އެ ރަށަކަށް އެރެން ޖެހޭނީ. އެއީ މާލެއަށް ފޭބި، މާލޭގައި އުޅޭ ފަރާތްތަކާ ކޮންޓެކްޓްވެފައި ހުރެއްޖެނަމަ،" ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުން ދަތުރުކުރާ ބޯޓުފަހަރާ ގުޅޭ މައުލޫމާތު އެއްކޮށް ދެނެގަތުމަށާއި ރަށްރަށާ ގުޅޭ މައުލޫމާތު ވަގުތުން ހޯދޭ ފަދަ އައިސީޕީއެއް މިހާރު ވެސް އެމްޕީއެލް ސަރަހައްދުގައި ގާއިމުކޮށްފައިވާނެ ކަމަށެވެ.

މިކަން ކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކެއްގެ ލައިވް ޑޭޓާ ވަގުތުން އެ އައިސީޕީއަށް ލިބޭ ގޮތަށް ވަކި ހާއްސަ ޕޯޓަލްއެއް ބޭނުންކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މި މޮޑެލްގެ ތެރެއިން ރަށްރަށުގައި ކާޑުގެ ބާވަތްތަކާއި ގޭހުގެ ލައިވް އަޕްޑޭޓް [އެ ބާވަތްތައް އެ ރަށުގައި ހުރިކަން ނުވަތަ ނެތްކަން] ލިބޭނެ. އޭގެ އިތުރުން އަޅުގަނޑުމެންނަށް ފެންނާނެ އެއްވެސް ބޯޓެއް އެއްވެސް ރަށަކުން މާލެއަށް، ނުވަތަ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރިޔަސް، އެ ދަތުރުކުރަނީ ކޮން ބޯޓެއް ކޮން ގަޑިއެއްގައިކަން ލައިވްކޮށް އެ އައިސީޕީއަށް ފެންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ލޮކްޑައުންގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިން ނަމަވެސް، އެ ލުއިތައް ކަނޑައަޅާފައިވަނީ ގައިދުރުކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރެވޭ ގޮތްތަކަށް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް