ވިޔަފާރިކުރުމުގެ ހުއްދައިގެން ދަށުން ދެން މާލޭ މަގުތަމާތީގައި އެއްވަގުތެއްގައި އުޅޭނީ 1،000 މީހުން

ފުރަބަންދަށް ދިން ލުއިތަކާއެކު ވިޔަފާރި ކުރުމަށް އިތުރު ހުއްދަތައް ދޭން ފެށުމުން ދެން މާލޭގެ މަގުމަތީގައި އެއްގަޑިއިރު އެވްރޭޖްކޮށް އުޅޭނީ 1،000 މީީހުން ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

ފުރަބަންދަށް އިއްޔެ އިން ފެށިގެން ދޭން ނިންމި ލުއިތަކާއެކު ފުލުހުން މިހާރު ވަނީ އެ އިދާރާގެ ޕޯޓަލް މެދުވެރިކޮަށް ކޮންމެ ގޭބީސީއަކަށް ތިން މީހުންނަށް ދެގަޑިއިރަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ފަށައިފައެވެ. މީގެ ކުރިން އެ ހުއްދަ ދެމުން ގެންދިޔައީ، ކޮންމެ ގޭބޭސީއަކުންވެސް އެއް ގަޑިއިރަށް އެކަކަށެވެ.

ރޭ އިސްކަންދަރުކޮށީގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ފައިރޫޝް ވިދާޅުވީ، ކުރިން މާލޭގެ 26 ޒޯންއަކަށް ބަހަލައިގެން ހުއްދަ ދިން ނަމަވެސް، ލުއިތަކާއެކު ދެން ހުއްދަދޭނީ މާލޭގެ ކޮންމެ ސަރަހައްދަކަށްވެސް ހުއްދައިގެ ދަށުން ދެވޭނެ ގޮތަކަށް ކަމަށެވެ. އަދި އެ ގޮތައް ހުއްދަ ދޭނީ ވީހާވެސް ބޮޑަށް މުޅި މާލެ އެއްވަގުތެއްގައި ތޮއްނުޖެހޭނެ ގޮތައް ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

"[އަލުން މިދޭ ހުއްދަތަކާއެކު] ގަޑިއިރަކަށް އުޅޭނީ 1،000 އެއްހާ މީހުން. އެއަދަދު 200 އަށްވުރެ އިތުރުވެސް ވެދާނެ. އެއީ ގްރޮސޮރީ ނުވަތަ ޝޮޕިން ޕާމިޓް. އޭގެ އިތުރުން އެހެން ހުއްދައިގެ ދަށުންވެސް މީހުން އުޅޭނެ. މަގުމަތީގައި ވިޔަފާރިތަކަށް [ޑެލިވަރީކުރުމަށް] ހުއްދަ ދީފައިވޭ 17،000 ޕާމިޓް،" ފައިރޫޝް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވީ، މިހާރު އިތުރު ވިޔަފާރިތަކަށްވެސް ހުއްދަ ދިނުމަށް ނިންމާފައިވާވުމުން ވިޔަފާރިތަކަށް ދީފައިވާާ ހުއްދައިގެން އަދަދުތައް ތިން ގުނައާ ކައިރި ކުރާނެ ކަމަށެވެ. އެހެންކަމުން ވިޔަފާރިތަކަށްދޭ ހުއްދަ 51،000 އެއްހާ މީހުންނަށް އަރާނެ ކަމަށް ބެލެވެއެވެ.

"މިއީ އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ އަދަދެއް،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ، މީގެ ކުރިން ގަޑިއިރަކަށް ވިޔާފާރި ކުރުމަށް މިހާތަނަށް 31،000 މީހުންނަށް ހުއްދަ ދީފައިވާ ކަމަށާއި އޭރު އެއްވަގުތެއްގައި 26 ޒޯންގައި އެ ހުއްދައިގެ ދަށުން 624 މީހުން އުޅޭ ކަމަށެވެ.

ވިޔަފާރި ކުރުމުގެ ހުއްދަދޭނީ ހެނދުނު 9:00 އިން ރޭނގަޑު 9:00 އަށް ކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި އެ ހުއްދައިގެން ދަށުން ސައިކަލުގައި ދަތުރު ކުރެވޭނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ކުރިން މީހުން މަގުތަކަށް ނުކުމެ އުޅުނު ވަގުތު އިތުރުވިނަމަވެސް، އަދިވެސް ރައްޔިތުން އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އަދި ގައިދުރަކަން އިސްކޮށް، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް މާސްކް އަޅައިގެން ނުކުތުމަށް ނަވީން އެދިވަޑައިގެންނެވިއެވެ.

"މި ދެވޭ ފާސްތަކަކީ ރަށްޓެހިންނާ ބައްދަލުކޮށް، އެއް ގެއިން އަނެއް ގެއަށް ދިޔުމަށް ދެވޭ ފާސްތަކެއް ނޫން. މި ފާސްތަކާއެކު ބޭރަށް ނުކުންނަވާއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރައްވަން ވަރަށް ބޮޑަށް އެދެން،" ނަވީން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕޮލިސް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ސަރުކާރުންގެ ހުރިހާ އިދާރާތަކުން މަސައްކަތް ކުރެއްވިނަމަވެސް މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ، ކުރެވޭ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ޝަމާއު އެދިވަޑައިގެންނެވި އެވެ.

ކޮންމެ މީހަކުވެސް ވިޔަފާރި ކުރުމަށްދާއިރު ފިހާރަތަކުގެ ބޭރުގައި މިހާރު ޖަހާފައިވާ ފާހަގަ މަތީ ކިއުގައި މަޑުކުރުމަށް ޝަމާއު އެދިވަޑައިގެންނެވިއެވެ. އަދި ފާހަގަ ނެތް ތަންތާގައިވެސް ތިން ފޫޓުގެ ދުރުމިނުމުގައި ސަފު ހެދުމަށް ޝަމާއު އިލްތިމާސް ކުރެއްވިއެވެ.

މީގެ ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް ބޭރަށް ނުކުތުމަށް ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނީ ފުލުހުންގެ ޕޯޓަލް އިންނެވެ. ނަމަވެސް ވިޔަފާރިތަކާ ގުޅުންހުރި އެކިއެކި ހުއްދަތަކަށް އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލްއަށެވެ. އަދި އެ ހުއްދަތައް ވޭރިފައި ކުރުމަށްފަހު ދޫކުރާނީ ފުލުހުންނެވެ. އޮފީސްތައް ހުޅުވުމަށް ހުއްދައަށް އެދޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްއިންނެވެ.

comment ކޮމެންޓް