ކުރީގެ ދެ އުއްތަމަ ފަނޑިޔާރުންވެސް ވިދާޅުވަނީ ގާނޫނު އަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށް

ފެބްރުއަރީ 18، 2019: ޖުޑިޝަލް އިއާ 2019ވަނަ އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުރީގެ އުއްތަމަ ފަނޑިޔާރުން ޑރ. އަހުމަދު އަބްދުﷲ ދީދީއާއި އަހުމަދު ފާއިޒް ހުސެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލު އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުތަކުގެ މުއްދަތު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ނުޖެހޭ ކަމަށް ކުރީގެ ދެ އުއްތަމ ފަނޑިޔާރުން ކަމަށްވާ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިހާބު އަންނަ އަހަރަށް ފަސް ކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު އަންނަ މަހު ހަމަވެ އެވެ. ސަރުކާރުން ހުށަހެޅީ ގާނޫނު އަަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު އިތުރު ކުރާށެވެ. ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުން ރަނގަޅު ނޫން ކަމަށް ބުނެ މަޖިލީހުން ކައުންސިލަރުންގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައަށް ހައްލެއް ހޯދަން ހުށަހެޅީ އާންމު ގާނޫނަކުންނެވެ. އާންމު ގާނޫނަކުން އެކަން ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ދެކެވަޑައިގަންނަވައެވެ. އެއީ ގާނޫނު އަސާސީގައި ބުނާ މުއްދަތެއް އާންމު ގާނޫނަކުން ބަދަލު ނުކުރެވޭނެތީ އެވެ. އެ މެމްބަރުން ދެކެވަޑައިގަންނަަވަނީ ކައުންސިލަރުންގެ ދައުރު އިތުރު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަަމަށެވެ.

މިއަދު އެކަމާ ގުޅިގެން ޑރ. އަހުމަދު އަބްދުﷲ ދީދީ ނެރުއްވި ރައުޔުގައި ވިދާޅުވީ، ދައުލަތުގެ ނިޒާމް އާންމު ދެމެހެއްޓުމަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރުގެ އަސާސީ އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި އެއާ ގުޅިގެން ތަންފީޒު ކުރަން ޖެހޭ ގާނޫނީ އުސޫލުތައް ކަނޑައަޅައި ގާނޫނު ފާސް ކުރުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެއާ ގުޅިގެން އުފެދޭ ހުސޫމަތް ނުވަތަ ހިލާފުތައް ބަލައި ގޮތެއް ފައިސަލާކުރުމަކީ ޝަރުއީ ކޯޓުތަކުގެ މަސްއޫލިއްތެއް ކަމާ ދެކޮޅު ނުހެދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުތައް ފަސް ކުރުމާއި، ދައުރުތައް ދިގު ކުރުމުގެ މައްސަލަތައް ބެލުމަކީ ސުޕްރީމް ކޯޓުގެ އިހްތިސާސްގައިވާ ކަންތައްތަކެވެ.

"ގައުމަށް ކުރިމަތިވާ ތަފާތު އިމަޖެންސީ ނުވަތަ ނެެސެސިޓީގެ ހާލަތުގައި، ކޮންސްޓިޓިއުޝަނަލް ޑެޑްލައިން ކަނޑައެޅިފައިވާ އިންތިހާބީ މަގާމުތަކަށް ގާނޫނީ ގޮތުން ބާއްވަން ޖެހޭ އިންތިހާބުތައް ބޭއްވުމަށް އަމަލީ ގޮތުން ނުކުޅެދިއްޖެ ހާލަތެއްގައި، އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުންނާއި، އިންތިހާބީ މަގާމުތަކުގެ ދުސްތޫރީ ދައުރު ނުވަތަ މުއްދަތު ހަމަވާ ފަހުން އެ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުގައި ދެމިތިބުމާ ބެހޭ އާންމު އުސޫލުތަކާއި އަސާސްތައް ބަޔާން ކުރާ ދުސްތޫރީ ނުވަތަ ގާނޫނީ ނައްސުތަކެއް ދިވެހިރާއްޖޭގެ ގާނޫނީ ފްރޭމްވޯކުގެ ތެރޭގައި ގާއިމްވެފައި ނެތްކަން ފާހަގަކުރެވިފައިވާއިރު، ބުނެވުނު ފަދަ ދުސްތޫރީ ޑިސްޕިއުޓުތަކަށް ގާނޫނު އަސާސީ މާނަކޮށް ހައްލު ހޯދައިދިނުމުގެ ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ." ޑރ. ދީދީގެ ރައުޔުގައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅިގެން މުއްދަތު ހަމަވާ ކައުންސިލަރުން މަގާމުގައި ދެމިތިބުމާ ބެހޭ މައްސަލައަކީވެސް ކޮންސްޓިޓިއުޝަނަލް ޑިސްޕިއުޓެއް ކަމުން، އެއަށް ދުސްތޫރީ ހައްލު ހޯދަައިދިނުމުގެ އިހްތިސާސް ލިބިގެންވަނީ ސުޕްރީމް ކޯޓަށް ކަމަށްވެސް ޑރ. ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި އުފެދޭ ގާނޫނީ ސުވާލަކީ ކައުންސިލަރުންގެ މުއްދަތު ނުވަތަ ދައުރު އިތުރު ކުރުމެއް ނޫން ކަމަށެވެ. އަދި އެއީ އިމަޖެންސީ ހާލަތެއްގެ ސަބަބުން، ކައުންސިލުގެ ދައުރު ހަމަވާއިރު، ކައުންސިލު އިންތިހާބު ނުބޭއްވޭ ހާލަތެއްގައި ކުރިން އިންތިހާބު ކުރި ކައުންސިލުންގެ މަގާމުގެ ބާރުތައް އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދެމިގެން ދިޔުމުގެ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމާ ބެހޭ އެއްވެސް ޟަރޫރަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އެއްވެސް ހާލަތެއްގައި ކައުންސިލްތަކުގެ މުއްދަތު އިތުރު ކުރުމާބެހޭ ނުވަތަ ދައުރު ދެންމުމާ ބެހޭ މައްސަލައެއް ވެސް ނޫނެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ އެއްވެސް ޟަރޫރަތެއް ނެތް،" ޑރ. ދީދީ ލިޔުއްވިއެވެ.

ޑރ. ދީދީ ވިދާޅުވީ ކުރިމަތިވެފައި މިވާ ދުސްތޫރީ މައްސަލަތަކަށް ހައްލު ހޯދުމުގެ އަސްލީ އިހްތިސާސް ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރަކީ އިމަޖެންސީ ހާލަތެއްގައި އިންތިހާބު ފަސް ކުރާނެ ދުސްތޫރީ އަދި ގާނޫނީ އުސޫލުތައް އެކުލެވޭ ގޮތަށް ގާނޫނު އަސާސީއަށާއި ގާނޫނަށް އިސްލާހު ގެނައުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދަން ނުކުޅެދިއްޖެ ހާލަތެއްގައި، މަޖިލީހުން އެކުލަވާލާ އާންމު ގާނޫނަކުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި އާ ކައުންސިލަރުން ބާއްވައި ނިމެންދެން، މިހާރު މަގާމުގައި ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފާއިޒް ފޭސްބުކުގައި ލިޔުއްވީ، ދުސްތޫރީ ހުސްކަމެއް އަންނަ ހާލަތްތަކުގައި އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަކީ ކޯޓުތައް މެދުވެރިކޮށް ވަގުތީ ހައްލެއް ހޯދުން ނުވަތަ އިންތިގާލީ އިންތިޒާމެއް ހަމަޖެއްސުމެވެ. ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެއް ރާއްޖޭގައި ނެތަސް، މި ވަގުތު ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ފާއިޒް ލިޔުއްވިއެވެ.

"ދުސްތޫރީ ހުސްކަމާއި، ގާނޫނީ ހުސްކަމަކީ ވަގުތީ ހާލަތްތަކެވެ. ވަގުތީ ހާލަތްތަކަށް ދުނިޔޭގެ އެހެންތަންތަނުގައި ހޯދަނީ ގަޟާއީ ހައްލެކެވެ. ނުވަތަ އިންތިގާލީ އިންތިޒާމެއްގެ ދަށުން ހައްލު ހޯދައެވެ.
ކުރިމަތިވާ ކޮންމެކަމެއްގައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ދިވެހި ދުސްތޫރީ ހަޔާތް ދިރާސާ ކުރާއިރު ފެންނަ ހަގީގަތެކެވެ. ކައިރި މަޒީގައިވެސް އެކަން ކޮށްފައިވެއެވެ. ވަގުތީ ހައްލު ހޯދުމަށް ގާނޫނުއަސާސީއަށް ބަދަލުގެންނަ ކޮންމެފަހަރަކު ދުސްތޫރީ ހަޔާތަށް ލޮޅުންއަރައެވެ."

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި ފައެވެ. އެހެން ނަމަވެސް އިންތިހާބު ފަސްކުރުމުން ދެން ދިމާވާ ކަންކަމަށް ފަރުވާ ހޯދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެއީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން، އެކަމަށް މަޖިލީހުން ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވުން، ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ނެގީއެވެ.

ކައުންސިލަރުންގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުުގެ އިޝަރާތެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ދެއްވައިފައެވެ. ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން މައްސަލައިގައި ދެން ލަފައެއް ނުވަތަ އިރުޝާދެއް ހޯދެން އޮތީ ސުޕްރީމް ކޯޓުން ކަމަށެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެ އެވެ.

comment ކޮމެންޓް