ލަންކާގެ މިނިސްޓަރު އަރުމުގަމް ތޮންޑަމަން އަވަހާރަވެއްޖެ

ސްރީލަންކާގެ މިނިސްޓަރު އަރުމުހަމް ތޮންޑަމަން ވަނީ އަވަހާރަވެފަ --

ކޮލަމްބޯ (މެއި 27): ސްރީލަންކާގެ ކޮމިއުނިޓީ އެމްޕަވާމެންޓް އެންޑް އެސްޓޭޓް އިންފްރާސްޓްރަކްޗާ ޑެވެލޮޕްމެންޓް މިނިސްޓަރު އަރުމުގަމް ތޮންޑަމަން ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

ކޮލަމްބޯ ޕޭޖުގައިވާ ގޮތުން 55 އަހަރުގެ ތޮންޑަމަން އަވަހާރަވީ އިއްޔެ ހާޓް އެޓޭކެއް ޖެހިގެން، އެގައުމުގެ ތަލަންގަމަ ބަސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާގެ ހާލު ދެރަވީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި އިއްޔެ އޭނާ އިންޑިއާގެ ހައި ކޮމިޝަނަރާ ބައްދަލު ކުރެއްވި ކަމަށްވެސް އާއިލާގެ މެމްބަރަކު ބުންޏެވެ.

ސިލޯން ވޯކާސް ކޮންގްރެސް (ސީޑަބްލިޔުސީ)ގެ ލީޑަރުގެ ގޮތުގައި ހުންނެވި ތޮންޑަމަން އަކީ ލަންކާގައި ދިރިއުޅޭ އިންޑިއާގެ ޓަމިލް ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މަޝްހޫރު ޓަމިލް ލީޑަރު އަދި ސީޑަބްލިޔުސީ އުފެއްދެވި ސަވުމިޔަމޫރުތީ ތޮންޑަމަންގެ ކާފަދަރިކަލުންނެވެ.

ތޮންޑަމަން ގެންދެވީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 1994 އިން ފެށިގެން ނޫރަލިޔާ ޑިސްޓްރިކްޓު ތަމްސީލު ކުރައްވަމުންނެވެ. އަދި އޭނާ ގެންދެވީ މިއަހަރުގެ ޕާލިމެންޓް އިންތިހާބުގައިވެސް އެ ގޮނޑިއަށް ވާދަ ކުރައްވަން ތައްޔާރުވަމުން ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ތޮންޑަމަންގެ އަންބަަކާއި ތިން ދަރިކަލުން ތިއްބަވަ އެވެ.

comment ކޮމެންޓް