ގާނޫނުއަސާސީ އިސްލާހު ކުރުމާމެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމަނީ

ކޮވިޑް19 އާ ގުޅިގެން ކައުންސިލަތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ މެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެ އެވެ.

ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހުގެ ބިލު ހުށަހަޅުއްވަނީ ސަރުކާރުގެ ފަރާތުން އެމްޑީޕީ މެމްބަރު ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލަތް) އެވެ.

ކައުންސިލަރުންގެ ދައުރު ފެށޭ މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެ އެވެ. އެމައްސަލަ ހައްލުކުރަން ގާނޫނީއަސާސީ އިސްލާހު ކުރުމާމެދު މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ނަމަވެސް ބަންޑާރަ ނައިބު އަދި މަޖިލީހުގެ ކައުންސިލަ ޖެނެރަލްވެސް ލަފާދެއްވާފައު ވަނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނޫންގޮަތަކަށް ކައުންސިލްތަކުގެ ދައުރު ދިގު ނުދެންމޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ މާދަމާގެ ޖަލްސާގައި މައްސަލައަށް ބަހުސް ކުރައްވަން އެދިވަޑައިގެންފައިިވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދެވޭނެ ކަމަށެވެ.

އެއަށްފަހު މާދަމާ ވޯޓަށް އައްސަވާނެ ކަމަށާއި، އަދި އަމާޒަކީ މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ގެންދިއުން ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީގައި ބިލާމެދު ގޮތެއް ނިންމައި، ބުރާސްފަތި ދުވަހުގެ ޖަލްސާގައި ބިލުގެ މަސައްކަތް ނިންމާ ހައްލު ހޯދިގެން ދާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުނުކޮށް ގާނޫނުއަސާސީއިން މުއްދަތެއް ނުވަތަ ދައުރެއް ކަނޑައަޅާފައި އޮންނަ ކަމަކަށް އާންމު ގާނޫނަކުން ހައްލު ހޯދޭނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރަން ތާއީދުކުރައްވާ ކަމަށެވެ.

ނަމަވެސް ބައެއް މެމްބަރުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމާ ދެކޮޅު ހައްދަވައިފަ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތީ ގާނޫނު އަސާސީއަށް ބަދަލުގެނެވޭނެ ފަދަ ހާލަތެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބެވޭނެ ގޮތް ހެދުމަށް ނުވަ ނުގުތާގެ ހިޔާލެއް ވެސް ހުށަހެޅުއްވިއެވެ.

އަދި ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް، އެ ނުގުތާތަކަށް ރިއާޔަތްކޮށް ހައްލު ހޯދުމަށް އެދިވަޑައިިގެންނެވިއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ހަސަން ލަތީފް ވަނީ ހާއްސަ ބިލެއް ހުށަހަޅުއްވައިފަ އެވެ.

comment ކޮމެންޓް