މައްކާ ފިޔަވާ ސައުދީގެ ހުރިހާ ތަނެއްގައި ކާފިއު އުވާލަނީ

ސައުދީ ރަސްގެފާނުގެ ޕޯސްޓަރެއް ކުރިމަތިން މާސްކު އަޅައިގެން ހުރި މީހަކު ހިނގާފައި ދަނީ -- ފޮޓޯ: ރޮއިޓާސް

ރިޔާޒް (މެއި 26): ސައުދީ އަރަބިއާގައި އިއުލާންކޮށްފައި އޮތް ކާފިއު އަންނަ މަހުގެ 21ގައި މައްކާ ފިޔަވާ ހުރިހާ ސަރަހައްދެއްގައި އުވާލާނެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން މި ހަފްތާއިން ފެށިގެން ލުއި ކުރަން ފަށާނެ އެވެ.

ސައުދީން ވަނީ މީގެ ކުރިންވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އިއުލާންކޮށްފައި އޮތް ކާފިއު ކުރު ކުރަން ނިންމާފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ފެށޭ ފުރަތަމަ ފިޔަވަހީގައި މައްކާ ފިޔަވާ ހުރިހާ ސަރަހައްދެއްގައިވެސް ދެން ކާފިއު ހިންގާނީ 15:00 އާއި ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00އާ ދޭތެރޭގަ އެވެ. އަދި ރީޓެއިލް އާއި ހޯލްސޭލް ފިހާރަތާކައި މޯލްތައް އަނެއްކާވެސް ހުޅުވޭނެ އެވެ. އެގައުމުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި އެތެރޭގެ އުދުހުންތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު ފެށޭނެ ދެވަނަ ފިޔަވަހީގަ އެވެ. އަދި ޖޫން 21ގައި ފެށޭ ތިން ވަނަ ފިޔަވަހީގައި ގައުމު އާއްމު ހާލަތަށް ރުޖޫއަ ވާނެ ކަމަށް އެސްޕީއޭގައިވެ އެވެ.

ސައުދީ އަރަބިއާގެ އެހެން ސަރަހައްދުތަކާ ހިލާފަށް މައްކާގައި ފިޔަވަޅުތައް ލުއި ކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުގަ އެވެ. އަދި ފުރަތަމަ ފިޔަވަހި ޖޫން 20އާ ހަމަޔަށް ދެމިގެންދާނެ އެވެ.

ސައުދީން ދެން އުމްރާ ކުރަން ފަށާނެ އިރެއް އަދި ހާމަ ނުކުރެ އެވެ. އަދި މިފަހަރު ހައްޖު ބޭއްވުމާ ބެހޭ ގޮތުންވެސް ވަކި އެއްޗެކޭ ނުބުނެ އެވެ.

ސައުދީ އަރަބިއާގައި މިހާތަނަށް 74،795 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 45،668 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި އެގައުމުން ބަލި ޖެހިގެން 399 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް