ފަސް މެމްބަރަކު ދިރިއުޅުއްވާ ގެތައް މޮނިޓަރިންގައި ހުރުމުން ޖަލްސާއަށް ވަޑައިނުގެންނެވުނު

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު ދިރިއުޅުއްވާ ގެތައް މޮނީޓަރިންގ އަށް ލާފައި ވާތީ، މިއަދުުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަނެވުނު ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްފަހު، މިއަދު ވަނީ މެމްބަރުން ތަޅުމަށް ހާޒިރުވެވަޑައިގެން ޖަލްސާތައް ކުރިއަށް ގެންދަން ފަށައިފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ހާޒިރީ އިއުލާނުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 47 މެމްބަރުން ކަމަށެވެ.

އަދި މޮނީޓަރިންގެ ހާލަތުގައިވާ ގޭގޭގައި ފަސް މެމްބަރަކު އެބަ ތިއްބެވި ކަމަށާއި، އެހެންކަމުން އެ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުން ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާއަށް މެމްބަރުން ތަޅުމަށް ވަޑައިގަތީ މާސްކަ އަޅުއްވައިގެންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި މެމްބަރުން އެތުރިގެން ތިއްބެވީ ދުރު ދުރުގަ އެވެ. އިތުރަށް ތަޅުމުގައި ގޮނޑިޖަހާފައިވާއިރު، އިތުރަށް ޖަހާފައިވާ ގޮނޑިތަކުގައި ތިއްބެވި މެމްބަރުން މޭޒުކޮޅު ކައިރިއަށް ދެވޭނީ 30 މިނިޓް ފަހުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހެލްްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް