ފުރަބަންދަށްފަހު އޮފީސްތައް ހުޅުވާނީ ބޮޑެތި ހިފެހެއްޓުންތަކާ އެކު

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއޯއީސީ

ފުރަބަންދަށް ލުއި ދިނުމަށްފަހު، ފުރަތަމަ އެއް މަސްދުވަހު އޮފީސްތައް ހުޅުވުވުމުގެ ފުރުސަތު ދޭނީ ވަރަށް ބޮޑެތި ހިފެހެއްޓުންތަކަކާ އެކުގައި ކަމަށާއި އަމިއްލަ އޮފީސްތައް ހުޅުވުމުގެ ހުއްދަ ނުދޭނެ ކަމަށް އެންއޯއީސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަނީ މިހާރު ހުރި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވި، ދުވަހުން ދުވަހަށް ކޭސްތައް ފެންނަ އަދަދު މަދުވާނަމަ މިމަހު 28 އަށް ހަމަވާ ފުރަބަންދަށް ލުއި ދިނުމަށް ނިންމައިފި އެވެ. އެގޮތުން ލުއި ދިނުމަށް ނިންމާފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތަކަށް މަދުވެގެން އެއް މަސް ދުވަސް ނަގާނެ ކަމަށާއި އެ ފިޔަވަހީގައި ލުއިދޭއިރު، ފަހަރުގައި އަމިއްލަ އޮފީސްތައް ހުޅުވުމުގެ ފުރުސަތު ނުލިބުން އެކަށީގެންވާ ކަމަށެވެ. ލުއި ދޭނެ އުސޫލުތައް މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގެ ފަހުގެ ނިންމުން އެެނގޭނީ އެ އުސޫލުތައް ފައިނަލްވުމުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"ފުރަތަމަ ފިޔަވަހީގައި ހުޅުވާލާއިރު އޮފީސްތަކުގެ މަސައްކަތް ވަރަށް ކުޑަކޮށް ނުވަތަ ވަރަށް ހަނިކޮށް ހުޅުވާލެވޭނީ. ނުވަތަ ޕްރައިވެޓް އޮފީސްތައް ނުހުޅުވާނެ ފުރަތަމަ ފިޔަވަހީގައި. ފުރަތަމަ ފިޔަވަހީގައި މިގޮތަށް އޮންނާނީ. ސީދާ ކިހިނެއްތޯ، ދެ ގޮތުންކުރެ ކޮންގޮތަކަށްތޯ، ފައިނަލައިޒް ވީމާ އަޅުގަނޑުމެން ކިޔައިދޭނަން،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަބަންދަށްފަހު ލުއިދިނުމުގައި ބަލާނީ، ބަލީގެ ނުރައްކާވާ މީހުންގެ ކަންކަން ބެލެހެއްޓުމާއި ސިއްހީ ނިޒާމަށް އެކަށީންގެންވާ މިންވަރަށް ފަރުވާ ދެވޭނެ އިމްތިޒާމު ކަށަވަރުވުމާއި އާންމު ހިދުމަތަށް ހުޅުވާލާއިރު ދިމާވެދާނެ އުނދަގޫތަކަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ ތެރޭގައި ބަލިޖެހުމުންދާ ރޭޓަށް ބެލުމަށްފަހު ނޫނީ ދެވަނަ ފިޔަވައްސަށް ނުދާނެކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ފުރަތަމަ ފިޔަވައްސަށް ތައްޔާރުވަމުން ދާއިރު، މިހާރު ޔަގީންކުރެވޭ އެއްކަމަކީ ޓޫރިޒަމަށް ރާއްޖެ އަލުން ހުޅުވާލާ އިރު ރިސޯޓުތަކަށް ފަތުރުވެރިންނަށް އެރޭނީ އެމީހުން ކޮވިޑް19 އަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

ރިސޯޓްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ހާމަކުރާނެކަމަށް މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް ސޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިހާރު ތައްޔާރުވަމުން ދަނީ ގިނަ މީހުންނަށް ފަރުވާ ދެވޭނެ ފެސިލިޓީތައް ގާއިމުކުރަން ކަމަށެވެ. އަދި އައިސީޔޫ ފެސިލިޓީތަކާއި އިތުރަށް އެޑްމިޓްކުރަންޖެހޭ މީހުންގެ ފެސިލިޓީތަކާއި އެޑްމިޓްކުރަން ނުޖެހޭ މީހުން އައިސޮލޭޓް ކޮށްފައި ހަމައެކަނި ވަކިން ތިބެވޭނެ އިންތިޒާމު ހަމަޖައްސަމުން ދާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މި ބަލަނީ ލޮކްޑައުން ރިލީޒްކުރުމާއެކުވެސް ބަލި ކުއްލިއަކަށް ފެތުރިގެން ނުދާ ގޮތަކަށް ފިޒިކަލް ޑިސްޓެންސިން ފަދަ ކަންކަން ހިމަނައިގެން ހުޅުވާލެވޭތޯ،" ނަޒްލާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ފުރަތަމަ ފިޔަވަހީގައި އަމަލު ކުރާނެ ނިއު ނޯމަލްގެ އުސޫލުތައް އާންމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް