ތައިލެންޑުގައި ތާށިވެފައި ތިބި 26 ދިވެހީން ރާއްޖެ އަތުވެއްޖެ

މާޗް 23، 2020: މޯލްޑިވިއަންގެ ފްލައިޓެއް-- ސަން ފޮޓޯ. ފަޔާޒު މޫސާ

ތައިލެންޑުން ރާއްޖެއަށް ނާދެވި ތާށިވެފައި ތިބި 26 ދިވެހީން މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު އެ 26 ދިވެހީން މޯލްޑިވިއަންގެ ފްލައިޓެއްގައި އައިސްފައިވާ ކަމަށެވެ.

"އެމީހުން މޯލްޑިވިއަން ފްލައިޓުގެ ޓިކެޓު ގަނެގެން އައީ. 14 ދުވަހުގެ ކަރަންޓީނަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީން ނިންމުމަށްފަހު އަނބުރާ ރަށަށް ދެވޭ ގޮތަށް ހަމަޖެހިފައި އޮތީ،" މަބްރޫކް ވިދާޅުވި އެވެ.

މިއަދު ފުރި ފްލައިޓުގައި ރާއްޖޭގައި ތިބި ތައިލެންޑުގެ 15 މީހަކު ގޮސްފައިިވާއިރު، މިހާތަނަށް ރާއްޖޭގައި ތިބި 349 ތައިލެންޑް ރައްޔިތުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

މޯލްޑިވިއަން އިން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް އެކި ގައުމުތަކުގައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި ބޭރު ގައުމުތަކުގައި ތިބި ދިވެހި އާއިލާތަކަށް މޯލްޑިވިއަނުން ވަނީ "ކެއާ ޕެކޭޖު" ތައް ވެސް ގެންގޮސްފަ އެވެ.

comment ކޮމެންޓް