ވިއެނާ (މެއި 25): އޮސްޓްރިއާގެ ރައީސް އެލެގްޒެންޑާ ވެން ޑާ ބެލެން އެގައުމުގައި އިއުލާންކޮށްފައި އޮތް ކާފިއުއާ ހިލާފުވުމަށް ފަހު އެކަމަށް މާފަށް އެދިވަޑައިގެންފި އެވެ.
ވެން ޑާ ބެލެން މާފަށް އެދިވަޑައިގަތީ ރޭ އޭނާ ރެސްޓޯރެންޓަކަށް ވަޑައިގެންނެވުމަށް ފަހު ދަންވަރުވަންދެން ހުންނެވި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރި ފަހުންނެވެ.
އޮސްޓްރިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އިއުލާންކޮށްފައިވާ ކާފިއުގެ ދަށުން އެގައުމުގެ ރެސްޓޯރެންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 23:00އާ ހަމަޔަށެވެ.
ވެން ޑާ ބެލެން ވިދާޅުވި ގޮތުގައި އޭނާއަށް ރެސްޓޯރެންޓުގައި މާ ގިނަ އިރުވަންދެން ހުންނެވުނީ އެހާވަރަށް ލަސްވިކަން އެނގިވަޑައިނުގަތުމުންނެވެ. އަދި އޭނާ ހީކުރެއްވި ގޮތުގައި ކަސްޓަމަރުން ބޭނުންވާ ނަމަ ރެސްޓޯރެންޓުގެ ޓެރަސްގައި 23:00އަށް ފަހުވެސް ތިބެވެ އެވެ.
އެމައްސަލާގައި އެ ރެސްޓޯރެންޓާ ދެކޮޅަށް ފިޔަވަޅު އެޅުން އެކަށީގެންވެ އެވެ. ނަމަވެސް އެ ރެސްޓޯރެންޓުން ވަނީ އެމީހުން ރޭ ކާފިއު ގަޑިއަށް ބަންދު ކުރި ކަމަށް ބުނެފަ އެވެ. އަދި ވެން ޑާ ބެލެން ވަނީ ރެސްޓޯރެންޓަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޮސްޓްރިއާއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީއަށް ފަހު ހަރުކަށި ފުރަބަންދުގެ ފިޔަވަޅުތައް އިއުލާން ކުރި އެންމެ ފުރަތަމަ އެއް ގައުމެވެ. އަދި އެފިޔަވަޅުތަކަށް ލުއި ދިން ފުރަތަމަ ގައުމުތަކުގެ ތެރޭގައި ވެސް އެ ގައުމު ހިމެނެ އެވެ.
އެގޮތުން ގެއިން ބޭރުގައި ގިނަވެގެން 10 މީހުންގެ އެއްވުންތައް މި މަހު ހުއްދަކޮށް މިދިޔަ ހަފްތާގައި ވަނީ ރެސްޓޯރެންޓުތަކާއި ކެފޭތައް ހުޅުވަން ހުއްދަ ދީފަ އެވެ. އަދި ޕާކުތަކާއި ކުދި ފިހާރަތައް ވަނީ މިދިޔަ މަހު ހުޅުވާފަ އެވެ.
އޮސްޓްރިއާގައި މިހާތަނަށް 16،000އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާ އިރު އޭގެ ތެރެއިން 15،000އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލީގައި މަރުވެފައި ވަނީ 639 މީހެކެވެ.