މަގުމައްޗަށް ނިކުތް 5025 މީހަކު ޖޫރިމަނާ، 276 މީހަކު ހައްޔަރު

މާލެ ފުރަބަންދު ކުރުމާއެކު ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާމ

ކޮވިޑް-19 ކޮންޓްރޯލުކުރުމަށް މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފުވި 276 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ ފުރަބަންދުގެ އަމުރާ ހިލާފުވުމުން ހައްޔަރުކުރި މީހުންގެ ތެރެއިން 243 މީހުން ހައްޔަރުކޮށްފައިވަނީ މާލެ ސިޓީއިން ކަމަށެވެ. އަދި 30 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާއިރު ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ ތިން މީހެއް ކަމުގައި ފުލުހުން ބުންޏެވެ.

ނިމިގެން މިދިޔަ ރޯދަމަހުގެ އެންމެ ފަހު ދުވަހުގައިވެސް ފުރަބަންދާ ހިލާފުވި ހަތަރު މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުރަބަންދުގައި ގަވާއިދާ ހިލާފަށް ބޭރުގައި އުޅުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެގޮތުން މިހާތަނަށް އައި އިރު 5،025 މީހެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ މާލެއިން 4،342 މީހުންނާއި ހުޅުމާލެއިން 583 އަދި ވިލިމާލެއިން 100 މީހުންނެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ އެކަނިވެސް ޖުމްލަ 107 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން 94 މީހަކާއި ހުޅުމާލެއިން 13 މީހެއް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް