އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް މި އަހަރު ނުބާއްވަން ނިންމައިފި

ސަން ފޮޓޯ/ މުހައްމަދު ޝާފީ

ކޮވިޑް-19 ގެ ސަބަބުން މި އަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާ 54 ވަނަ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ނުބާއްވަން ނިންމައިފިއެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން ގުޅިގެން އެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 އާ ހަމައަށް، ކ. މާފުށީގައެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން ދުނިޔެ އާއި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ އެ މުބާރާތް މި އަހަރު ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، އޭބީބީއެފް އަދި އެ އެސޯސިއޭޝަން އެކުގައި ކުރި މަޝްވަރާތަކަށްފަހު ކަމަށް ބަޔާނުގައިވެއެވެ.

އަދި އެ މަޝްވަރާގެ ތެރެއިން، އަލުން އެ މުބާރާތް ދެން ބާއްވާނީ، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެކަކުން ހަތަކަށް ކަމަށް ވެސް ވަނީ ނިންމައިފައެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ބުނީ މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ނުރައްކާތެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، އިންޓަނޭޝަނަލް ފެޑަރޭޝަނާއި އަދި އެ އެސޯސިއޭޝަނުން ވެސް އިސްކަން ދެނީ މުޖުތަމައުގެ ރައްކާތެރިކަމާއި އަދި ފަރުދުންނާއި، ކުޅިވަރުގައި ބައިވެރިވާ އެތުލީޓުންނާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް ކަމަށެވެ.

comment ކޮމެންޓް