ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތްތައް ނުފެންނަ މީހުން ގޭގައި ކަރަންޓީނު ވާން ބޭނުން ނަމަ، އެކަމަށް އެދެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޕީއޭ އިން ވަނީ ހޯމް ކަރަންޓީނު ނޫނީ ގޭގައި ކަރަންޓީން ކުރުމުގެ އުސޫލެއް އެކުލަވާލައި، އެކަން އާންމުކޮށްފަ އެވެ.
އެ އުސޫލުގައި ބުނެފައިވަނީ، މިގޮތަށް ކަރަންޓީން ކުރުމުގެ ބޭނުމަކީ، އެފަދަ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ ބަލާ، ބަލި ހުރިކަން އަވަހަށް ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި އެއީ މުޖުތަމައު ތެރޭގައި ބަލި ފެތުރުން ހުއްޓުވަމަށްވެސް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި އަލާމާތްތައް ނުފެންނަ މީހުން ގޭގައި ކަރަންޓީނު ވުމުން އާއިލާއާ ދުރުގައި ވަކިން ހުރުމުން ނަފްސާނީ ގޮތުން އެމީހުންނަށް ލިބޭ ގެއްލުންތަކަށްވެސް ލުޔެއް ލިބިގެންދާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
މިގޮތަށް ގޭގައި އެކަހެރި ކުރެވޭނީ ކަނޑައަޅާފައިވާ ވަކި ޝަރުތުތައް ފުރިހަމަވާ ގެއެއް ނުވަތަ ތަންތަނުގައި ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. އަދި އެ ޝަރުތުތަކާ އެކު އެޗްޕީއޭ އިން ވަނީ ގޭގައި ކަރަންޓީނުވާ ފަރާތްތަކުން އެކަމަށް އެދެން ހާއްސަ ފޯމެއްވެސް ތައާރަފްކޮށްފަ އެވެ.
އުސޫލުގައި ބުނާގޮތުން ގޭގައިވެސް ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ އެހެންޔާވެސް ކަރަންޓީން ކުރާ 14 ދުވަހުގެ މުއްދަތަށެވެ. އަދި 14 ދުވަސް ހަމަވުމުން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.
އުސޫޅުގައި ބަޔާންކޮށްފައިވާ މުހިންމު ބައެއް ކަންކަން:
- ކޮޓަރި ހުރުން އެދެވިގެން ވަނީ ވައިދަރުވާގޮތަށް ފާހާނާއާއިއެކު. އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ދެއެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަންވާނެ. ކޮޓަރީގައި ފަންކާ ހުންނަންވާނެ.
- ފާހާނާގައި ސާފުފެން ލިބެން ހުންނަން ވާނެ. އަތްދޮވެވޭނެ އިންތިޒާމް ހަމަޖެހިފައިވާ، ސާފު ފެން ލިބެން ހުންނަ ފާހާނާއަކަށް ވާންވާނެ. އެކަކަށްވުރެ ގިނަ މީހުން ފާހާނާ ބޭނުންކުރާނަމަ މަދުވެގެން ދުވާލަކު 2 ފަހަރު ސާފުކުރަންވާނެ. އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހުންނާ އެއް ފާޚާނާއެއް، ކަރަންޓީނު ކުރާމީހާ ބޭނުންކުރުން އެދެވިގެން ނުވޭ.
- ކަރަންޓީނުކޮށްފައިވާ މީހާ ބޭނުންކުރުމަށް ތަށި، ސަމުސާ، ތުވާލި އަދި ބެޑުޝީޓު، ބާލީސް ފަދަ ތަކެތި ވަކިކޮށްފައި
ބަހައްޓަންވާނެ. - 60 އަހަރުން މަތީގެ މީހެއް/ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހެއް ގޭގައި ކަރަންޓީނު ކުރެވޭނީ، އޭނާގެ އެހީތެރިއަކު ހުރިނަމަ. އަދި އެހީތެރިޔާ އަކީ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނުވަތަ ކަރަންޓީނުކުރެވިފައި ހުރި މީހެއް ކަމުގައި ވެގެން ނުވާނެ. އެހެން ނޫންނަމަ ގޭގައި ކަރަންޓިން ނުކުރެވޭނެ.
އެޗްޕީއޭ އިން އެދިފައިވަނީ ގޭގައި ކަރަންޓީންވާ ބޭނުންވާ ފަރާތްތައް އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުހިމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަށެވެ.
މީގެ ކުރިން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ގޭގައި ކަރަންޓިން ކުރަން ޖެހިދާނެ ހާލަތެއް އައިސްދާނެތީވެ، އެކަމަށް ތައްޔާރުވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މިހާރުވެސް ސަރުކާރުގެ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީތަކުގައި 2،700 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އޭގެ އިތުރުން ފުރަބަންދާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވި 1،500 އަށްވުރެ ގިނަ މީހުން ޓްރާންސިޓް ކަރަންޓިން ފެސިލީޓީތަކުގައި އެބަ ތިއްބެވެ.