ހަތް ރަށެއް ފިޔަވާ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފި

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު: ޖަމާއަތް ހެދުމަށް ހުއްދަ ނުދެނީ ހަތް ރަށެއްގައި

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިވަަޅުތަކުގެ ސަބަބުން މިހާރު ހަތް ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އިސްލާކް މިނިސްޓްރީން ބުނެފިއެވެ.

ބަލި ނެތް ރަށްރަށުގެ މިސްކިތްތަކުގައި މިދިޔަ ހުކުރު ދުވަހުގެ، ހުކުރު ނަމާދުން ފެށިގެން، ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމާފައެވެ. ނަމަވެސް އޭރު މޮނީޓަރިންގެ ހާލަތު ނެގިތާ 28 ދުވަސް ހަމަ ނުވާތީވެ، 25 ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ނުދެއެވެ.

މިރޭ މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ، ފުރަބަންދު އަދި މޮނީޓަރިންގައި ހުރި ރަށްތަކައި ކަރަންޓީންކޮށްފައި މީހުން ތިބި ރަށްތަކުގައި އަދިވެސް ޖަމާއަތުގައި ނަމާދު ކުރުން މަނާވާނެ ކަމަށެވެ. އަދި އޭގެ އިތުރުން ދެން މަނާވާނީ މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ހަމަ ނުވާ ރަށްތަކުގައި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެގޮތުން މިހާރު ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ނުދެނީ ހަމަ އެކަނި ހަތް ރަށުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހުއްދަ ނުދޭ ހަތް ރަށް:

  1. މާލެ ސިޓީ
  2. ހއ. ތަކަންދޫ
  3. ށ. ނަރުދޫ
  4. ށ. މިލަންދޫ
  5. ނ. މަނަދޫ
  6. ކ. ހިންމަފުށި
  7. ކ. ތުލުސްދޫ

މިނިސްޓްރީން ބުނީ އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެވޭނީ، ހާލަތު ބަދަލުވުމުން އެ ހާލަތައް ރިއާޔަތްކޮށްފައި ކަމަށެވެ. އަދި އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރާނަމަ އެކަން ހުއްޓުވައި ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

މަހަކަށްވުރެ ގިނަ ދުވަސްފަހުން މިދިޔަ ހުކުރު ދުވަހު މިސްކިތުގައި ޖަމާއަތުގައު ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ ހާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ. އެގޮތުން މިސްކިތްތަކުގައި ކާޕެޓު ނެގުމަށާއި ގެއިން ވުޟޫކުރުމާއި ގެއިން މުއްސަލަ ހިފައިގެނެ މިސްކިތައް އައުމަށް މިނިސްޓްރީން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ. އައި މިނިސްކިތުގައި ގިިނަ ވަގުތު ހޭދަ ނުކުރުމަށާއި މާސްކް އެޅުމަށާއި އުމުރުން ދުވަސްވީ މީހުން މިސްކިތައް ނުދިޔުމަށްވެސް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް