ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެބިނެޓް ބައްދަލުވުމެއް ވާޗުއަލްކޮށް ބާއްވައިފި

މިއަދު ކުރިއަށް ގެންދިޔަ ވާޗުއަލް ކެބިނެޓް ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ : އަބްދުﷲ ޝާހިދު

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާ ހާލަތާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ކެބިނެޓް މެމްބަރުންގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި މާލެ ފުރަބަންދުކޮށްފައިވާ އިރު، އެކަމާ ގުޅިގެން ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ވަނީ އޮންލައިންކޮށް ފޯރުކޮށްދޭން ފަށައިފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވައި މިއަދު ކުރިއަށް ގެންދެވި ކެބިނެޓް ބައްދަލުވުމުގައި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މިއަދު މަޝްވަރާކުރައްވާފަ އެވެ.

ރައީސް ސޯލިހު މިއަދު ކެބިނެޓް ބައްދަލުވުން ޗެއާކުރައްވަނީ.

އެކަމާ ގުޅޭގޮތުން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިރަސްގެ މި ހާލަތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހުރިހާ މުއައްސަސާއެއް އެކުވެގެން ކަމަށެވެެ. އަދި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރާނީވެސް އެއްކޮށް ކަމުގައި އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިސްކޯ ވެބްއެކްސް ޕްލެޓްފޯމް ބޭނުންކޮށްގެނެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައް ވަނީ އޮންލައިންކޮށް ފޯރުކޮށްދޭން ފަށާފަ އެވެ. އަދި ވައިރަސްގެ ހާލަތާ ގުޅިގެން އާންމުންނަށް މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ބާއްވަމުން ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންވެސް ވަނީ ވާޗުއަލްކޮށްފަ އެވެ.

comment ކޮމެންޓް