ކުޑަ ކުރި މުސާރަ: ތިން ބާރުގެ ވެރިންނަށްވުރެ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު

ރައްޔިތުންގެ މަޖިލިސް: މުސާރަތައް ކުޑަ ކުރުމުން ތިން ބާރުގެ ވެރިންނަށްވުރެ މެމްބަރުންގެ މުސާރަ ބޮޑު --- ފޮޓޯ/ މަޖިލިސް

ކޮވިޑް19ގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖީލީހުން މުސާރަކަނޑައަޅާ ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް މަޖިލީހުން މިއަދު ނިންމި ނިންމުމާއެކު، ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ވުރެ މުސާރައާއި އިނާޔަތުގެ ގޮތުގައި އެ މެމްބަރުންނަށް ލިބޭ މިންވަރު ބޮޑު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ. މަޖިލީހުން މިއަދު ވަނީ އެ ފަރާތްތަކުގެ އަސާސީ މުސާރައިން 20-35 ޕަސަންޓާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ކޮވިޑް19އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހައިގެންނެވެ. މިގޮތަށް ބަަދަލު ގެނެސްފައިވަނީ މި ހިނގައި މެއި މަހާއި، ޖޫން އަދި ޖުލައި މަހަށެވެ.

މިހާރު މަޖިލީހުން މުސާރަ ކުޑަކޮށްފައިވާ ގޮތުން މަޖިލިސް މެމްބަރުންނަށް ތިން ބާރުގެ ވެރިންނަށްވުރެ ބޮޑު މުސާރައެއް ލިބިވަޑައިގަންނެވައެވެ.

އެގޮތުން މިހާރު ޖުމްލަ މުސާރައިގެ ގޮތުގައި 82،500 ރުފިޔާ ލިބިވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ އަސާސީ މުސާރައިން އިން 30 ޕަސެންޓް އުނިކުރުމުން ދެން ލިބިވަޑައިގަންނަވާނީ، 69،750 ރުފިޔާއެވެ. މިއީ ރައިސުލްޖުމްހޫރިއްޔާއާއި ރައީސުލުޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށް ދެން ލިބިވަޑައިގަންނަވާ މުސާރައަށްވުރެ ބޮޑު އަދަދެކެވެ.

ތިން ބާރުގެ ވެރިންނަށްވުރެ މެމްބަރުންގެ މުސާރަ ބޮޑުވެފައި މިވަނީ ލިވިން އެލަވަންސްގެ ގޮތުގައި 20،000 އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ލިބިވަޑައިގަންނަވާތީއެވެ. މުސާރަ ކުޑަކޮށްފައިވަނީ އަސާސީ މުސާރައިންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގައި 35 ޕަސަންޓް އުނިކުރުމުން އެމަނިކުފާނަށް ދެން ލިބިވަޑައިގަންނަވާނީ 65،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައިން 35 ޕަސެންޓް އުނިކުރުމުން ދެން ލިބިވަޑައިގަންނަވާނީ 48،000 ރުފިޔާއެވެ. މީގެ ކުރިން ރައީސުލްޖުމްހުރިއްޔާގެ މުސާރައަކީ، 100،000 ރުފިޔާއެވެ. އަދި ނައިބުގެ މުސާރައަކީ، 75،000 ރުފިޔާއެވެ.

ކުރިން 73،000 ރުފިޔާ ލިބިވަޑައިގަންނަވާ މަޖިލީހުގެ ރައީސްގެ އަސާސީ މުސާރައިން 30 ޕަސަންޓް އުނިކުމުން މިހާރު ލިބިޑަވަޑައިގަންނަވާނީ 57،188 ރުފިޔާއެވެ. މަޖިލިސް ރައިސްގެ އަސާސީ މުސާރައަކީ، 53،125 އެވެ. ލިވިންސް އެލަވަންސްގެ ގޮތުގައި އެމަނިކުފާނަށް 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ކުރިން 74،125 ރުފިޔާ ލިބިވަޑައިގަންނަވާ ރާއްޖޭގެ އުއްތަމަފަނޑިޔަރުގެ އަސާސީ މުސާރައިން 30 ޕަސަންޓް އުނިކުރުމުން ދެން ލިބިވަަޑައިގަންނަވާނީ، 58،188 އެވެ. އުއްތަމަ ފަނޑިޔާރުގެ އަސާސީ މުސާރައަކީ، 53،125 އެވެ ލިވިން އެލަވަންސަށް 20،000 އަދި ފޯން އެލަވަންސްއަށް 1،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ކުރިން 91،000 ރުފިޔާ ޖުމްލަ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސްގެ އަސާސީ މުސާރައިން 30 ޕަސަންޓް އުނިކުރުމުން ދެން ލިބިވަޑައިގަންނަވަނީ، 75،700 އެވެ. މަޖިލިސް ނައިބު ރައީސްގެ އާސާސީ މުސާރައަކީ، 51،000 ރުފިޔާ އެވެ.

ކުރިން 58،500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި މިނިސްޓަރުންގެ އަސާސީ މުސާރައިން 30 ޕަސަންޓް އުނިކުރުމުން ދެން ލިބިވަޑައިގަންނަވާނީ 45،000 ރުފިޔާއެވެ. މަޖިލިސް ނައިބު ރައީސަަށް ލިވިން އެލަވަންސްގެ ގޮތުގައި 20،000 އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މެމްބަރުންގެ މުސާރަ ތިން ބާރުގެ ވެރިންނަށް ވުރެ ބޮޑު ނަމަވެސް، ބައެއް މެމްބަރުން ކޮމިޓީ އެލަވަންސް ނުނަންގައެވެ.

މަޖިލީހުން މިއަދު ކުޑަ ކުރި މުސާރައާއެކު 2.26 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. މީގެ ކުރިން މާޗް އެޕްރީލް މަހުގެ ވެސް މަޖިލީހުން ވަނީ މި ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައެވެ. އެގޮތުން އޭރު 2.9 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ކޮމިޓީ ރިޕޯޓުގައި އޭރު ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް