އިސްރާއީލާއި އެމެރިކާއާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުންތައް ފަލަސްތީނުން އުވާލައިފި

މަހްމޫދު އައްބާސް

ރާމަﷲ (19 މެއި 2020): ސުލްހައިގެ ނަމުގައި އިސްރާއީލާ އަދި އެމެރިކާއާއެކު ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއް ފަލަސްތީނުން އުވާލައިފިއެވެ.

މިކަން އިއުލާނު ކުރައްވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ އެމެރިކާއާ އަދި އިސްރާއީލާއެކު ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުމެއް އުވާލަން ފަލަސްތީނުން ނިންމައިފިކަމަށާ މިގޮތަށް ނިންމީ އެއިން އެއްވެސް އެއްބަސްވުމަކަށް އެދެގައުމުން އެއްވެސް ވަރަކަށް އަމަލުނުކުރާތީއެވެ.

މީގެއިތުރުން އެ އެއްބަސްވުންތަކާ އަދި އދ. ގެ ގަރާރުތަކާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ޖަހައިގަނެ ފޭރިގަތުމުގެ ޖަރީމާތައް ތަކުރާރުކޮށް އިސްރާއީލުން ހިންގާއިރު ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ނަމުގައި އޮތް އެމެރިކާއަކީ އެޖަރީމާތަކުގެ ބައިވެރިއެއް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ސުލްހައިގެ ހުރިހާ އެއްބަސްވުންތަކެއް ފަލަސްތީނުން އުވާލުމާއެކު އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އިއުތިރާފުވި އިޢުތިރާފު ވުންވެސްވަނީ ނިމުމަކަށް އައިސްފައި ކަމަށް ފަލަސްތީނުން ބުނެއެވެ.

ފަލަސްތީނުގެ ބިންތައް އިސްރާއީލުން އެކިފަހަރުމަތިން ޖަހައިގަތް ގޮތް ހަމަކޮށްދޭ ޗާޓުތަކެއް އައްބާސް ދައްކާލައްވަނީ

އެމެރިކާއާ އަދި އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްހައިގެ ހުރިހާ އެއްބަސްވުންތަކެއް ފަލަސްތީނުން އުވާލާފައިމިވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހިމެނޭ އުރުދުން ވާދީގެ ބިންތަކަކީ އިސްރާއީލުގެ މިލްކެއްގެ ގޮތުގައި ހަދާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެންނެވެ.

އުރުދުން ވާދީއަކީ ހުޅަނގު އައްސޭރީގެ ބިމުގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ބޮޑު ސަރަހައްދެކެވެ. ގާތްގަނޑަކަށް 400 އަކަ ކިލޯމީޓަރުގެ އެ ސަރަހައްދުގައި ފަލަސްތީނުގެ 60 ހާސް މީހުން ދިރުއުޅޭއިރު ފަލަސްތީނަށް އާމްދަނީ ލިބޭ އެންމެބޮޑު ސެކްޓަރުކަމަށްވާ ދަނޑުވެރިކަމުގެ 50 އިންސައްތަ ހިއްސާ ކުރަނީވެސް އެސަރަހައްދެވެ. އެބިންތައް ޖަހައިގަތްކަމާ އެބިންތައް އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި ހެދިކަން ދާދި އަވަހަށް އިއުލާނު ކުރައްވާނެކަމަށް މިހަފްތާގެ ކުރީކޮޅު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔަހޫ ވަނީ ވިދާޅުވެފައެވެ.

2018 ވަނައަހަރު އިސްރާއީލުންވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދެއް ކަަމަށްވާ ގުދްސުގެ އިރުމަތީ ފަޅިވެސް އިސްރާއީލުގެ ބިމަކަށް ހަދާފައެވެ. މިއީވެސް އިސްރާއީލާއި ފަލަސްތީނުން ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުންތަކާ އަދި އދ. ގެ ގަރާރުތަކާ މުޅިން ޚިލާފުކަމެކެވެ.

އިސްރާއީލުން ގުދްސުގެ އިރުމަތީ ފަޅި ޖަހައިގަތުމާއެކު 2018 ވަނައަހަރުވެސް ސުލްހައިގެ އެއްބަސްވުންތައް އުވާލާނެކަމުގެ އިންޒާރު ފަލަސްތީނުން ދިނެވެ. ނަމަވެސް އެފަހަރު އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ. މިފަހަރު މިކަން ތަންފީޒުކުރީ ދެން އެހެންގޮތެއް ނެތިގެންކަމަށް ރައީސް މަހްމޫދު އައްބާސް ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ބޮޑުސަރަހައްދެއް ގަދަބާރުން ޖަހައިގަނެ އިސްރާއީލުގެ ބިމެއްގެ ގޮތުގައި ހެދުމުގައި އިސްރާއީލުގެ ބޭނުމަކީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ކުޑަވެސް ފުރުސަތެއް ނުދިނުންކަމަށް ފަލަސްތީނުން ދެކެއެވެ.

ހުޅަނގު އައްސޭރީގެ ބިމާއި ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފަލަސްތީނުން އުންމީދުކުރާ ދެ ސަރަހަދެވެ. ހުޅަނގު އައްސޭރިއަކީ މުޅި ފަލަސްތީނުގެ 22 އިންސައްތަ ބިމެވެ. ޣައްޒާއަކީ މުޅި ފަލަސްތީނުގެ 5 އިންސައްތަ ބިމެވެ. މިދެ ބިމަކީވެސް 1976 ގައި ގަދަބާރުން އިސްރާއީލު ހިފާފައިވާ ދެ ބިމެވެ.

ސުލްހައިގެ ނަމުގައި ފަލަސްތީނުން އެމެރިކާއާ އަދި އިސްރާއީލާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތައް ބިނާކޮށްފައިވަނީ އެދެބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް