ގައުމުތަކުގެ ބޯޑަރުތައް ހުޅުވާ، ނޫނީ މިކަމުން އަރައި ނުގަނެވޭނެ: ނަޝީދު

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުން މިއަދު ބޭއްވި ޓޫރިޒަމް ވެބިނާގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ/ މަޖިލިސް

ޓޫރިޒަމަށް ބަރޯސާވެފައިވާ ޖަޒީރާ ގައުމުތަކަށް ބޮޑެތި މުއްސަނދި ގައުމުތަކުން އެހީވާންވީ ވަގުތަކީ މިއީ ކަމަށާއި އެ ގައުމުތަކުގެ ބޯޑަރުތައް ޖަޒީރާ ގައުމުތަކަށް ހުޅުވާލުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުން މިއަދު ބޭއްވި ޓޫރިޒަމް ވެބިނާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖަޒީރާ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ 80 ޕަސެންޓް ގުޅިފައި ވަނީ ޓްއަރިޒަމާއި ދަތުރުފަތުރުގެ މައްޗަށް ކަމަށެވެ. އެހެން ކަމުން، މުއްސަނދި ގައުމުތަކުން، ކުދި ގައުމުތަކަށް އެ މީހުންގެ ބޯޑަރުތައް ބަންދުކޮށް ހަރުކަށި ފިޔަވަޅުތައް އެޅުމަކީ މިދަނޑިވަޅުގައި ހައްލު ލިބޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު މިއަދު ގޮވާލެއްވީ، ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ދަތުރު ނުކުރެވޭ ގޮތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ.

"މިފަދަ ދަތި ވަގުތުތަކަކީ މުއްސަނދި ގައުމުތަކުން ކުދި ގައުމުތަކަށް އަޅާލަންވީ ވަގުތު. މިއީ އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދީ ހާރިޖީ ގުޅުންތައް ބަދަހި ކުރަންވީ ވަގުތު،" ނަޝީދު ވިދާޅުވި އެވެ. "ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތައް ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަކީ އެންމެ މުހިއްމު ފިޔަވަޅުކަމަށް ހީވެފައި އޮތް ނަމަވެސް، އެކަން އެގޮތަށް ކޮންގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް،"

ރާއްޖޭގެ ރިޒާވުންނާއި ބޭރުން ލިބުނު މާލީ އެހީތެރިކަމުން ވެސް ކޮވިޑް19އިން ލިބުނު ގެއްލުން މުޅިން ފޫނުބެއްދޭނެކަން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށެވެ. އެހެން ނަމަވެސް މި ދުވަސްވަރު ހުރިހާ ރިސޯޓުތައް ބަންދުކޮށް، ފަތުރުވެރިންނަށް ރާއްޖެއަށް ނާދެވޭ ކަމަށާއި އެހެންކަމުން މިކަމުން ލިބޭނެ ގެއްލުން ތަސައްވަރު ވެސް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިކަމާ ކުރިމަތިވުމުގެ ކުރިން ރާއްޖޭގައި އޮތީ ވަރަށް އާދައިގެ ރިޒާވެއް. އެ އާދައިގެ ރިޒާވު ބޭނުންކޮށްގެން ސަރުކާރުން އެއް މަސް ނުވަތަ ދެ މަހަށް މި ހިފަހައްޓާލީ. އަވައްޓެރި އިންޑިއާއާ އެހެން އެކުވެރި ގައުމުތަކާއި މާލީ އިދާރާތަކުގެ އެހީ ވެސް ލިބުނު. އެހެން ނަމަވެސް މިކަމުން ލިބުނު ގެއްލުން ފޫނުބެއްދޭނެ." ނަޝީދު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައުމާއެކު ކޮވިޑް19 ބަލިމަޑުކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ އެކި ދިމަދިމާލުން ހިޖުރަކޮށްގެން އުޅޭ މީހުން. އެމީހުން ރިސޯޓުތައް ދޫކޮށް ރަށްރަށަށް ދާން މަޖުބޫރުވި. ވަޒީފާތައް ގެއްލިއްޖެ. މިކަމުން ކިތަންމެ ރީތި މަންޒަރެއް ދައްކަން އުޅުނަސް އެ މަންޒަރެއް ނުފެނޭ." ނަޝީދު ވިދާޅުވި އެވެ.

ލޮކްޑައުން އުވާލުމާއެކު ދެން އުޅެން ޖެހޭނީ "ނިއު ނޯމަލް"އެއްގައި ކަމަށް ސަރުކާރުން ބުނެފައިވާއިރު، ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެނގިވަޑައިގަންނަވަނީ އެންމެ ނޯމަލްއެއް ކަމަށެވެ.

"އަހަރެމެން މިއީ އިންސާނުން. އެކަކު އަނެކަކާ ސަލާމް ކޮށްގެން އުޅެނީ. "ނޯމަލް" ފިޔަވައި އިތުރު ނޯމަލްއެއް އޮންނަ ކަމެއް ނޭނގޭ. ނިއު ނޯމަލްއަކާ މެދު ވިސްނާ ވަރަކަށް ސިނާއަތްތައް އަލުން ފަށަން ދަތިކަމަކަށް މި ވަނީ." ނަޝީދު ވިދާޅުވި އެވެ.

މިއަދު ބޭއްވި ވެބިނާގައި ރައީސް ނަޝީދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް