އައްޑޫ ސިޓީގައި ދެ ގޭންގެއްގެ މެދުގައި މާރަމާރީ ހިންގައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ، ހިތަދޫގައި ދެ ގޭންގެއްގެ މެދުގައި މާރާމާރީ ހިންގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންނަށް މި މައްސަަލައިގެ ރިޕޯޓު ހުށަހަޅާފައި ވަނީ ރޭ ދަންވަރު 2:30 ގައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހިތަދޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މާރާމާރީގައި އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދިޔަަ ދެމީހުންގެ ތެެރެއިން އެކަކު އަދިވެސް އެޑްމިޓްކޮށްފައިވާ ކަމަށެވެ. .

އެޑްމިޓް ކުރި މީހާގެ އަތުން ހަތަރު އިންޗިއެއްހާ މިންވަރު ކަފައިގެން ގޮސް މިހާރު އެތަން ފަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ މާރާމާރީއަކީ ދެ ގޭންގެއް ދެމެދުގައި ހިނގި ދެބަސްވުމަކާ އެކު ފެށުނު ޒުވާބަކަށް ފަހު، ހިނގި މާރާމާރީއެއް ކަމަށެވެ.

އެެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ނުކުރާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ގޭންގް މާރާމާރީއެއް ނުހިނގާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާއަށް މިއަހަރު މިހާތަނަށް މާރާމާރީގެ މައްސަލަތަކުގެ ގޮތުގައި 243 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 20 މައްސަލައެއް ހިމެނެއެވެ.

comment ކޮމެންޓް