ކައުންސިލަރުންގެ ދައުރާ ގުޅޭ ދެބިލެއް އޮތުމުން މަޖިލިސް ރައީސްގެ ލަފާ ހޯދަނީ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

ކައުންލަރުންގެ ދައުރު އިތުރުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅާފައިވާތީ ލާމަރުކަޒީ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ މިސްރާބެއް ނޭނގި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލަފައެއް ހޯދަން ކޮމިޓީއިން ނިންމައިފި އެވެ.

ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވެ އެވެ. ދައުރު އިތުރުކުރުމަށް ސަންސެޓް ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެ ބިލު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އޭގެ އިތުރުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލު ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެން މެމްބަރުން ވަރަށް ހޫނު ބަހުސެއް ކުރި އެވެ. މައްސަލައަކަށް ވީ އެއް ނަތީޖާއެއް ނުކުންނަ ގޮތަށް ދެ ބިލެއް މިހާރު މަޖިލީހުގައި ހުށަހެޅި ކުރިއަށް ދާތީ ކޮމިޓީގައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެނެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވީ އެކަމުގައި ކުރިއަށް ދާނެ ގޮތަކާމެދު މަޖިލީހުގެ ރައީސާއި ޕާލިމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންގެ ލަފާ ހޯދުމަށް ފަހު ދެން ކުރިއަށް ދާނެ ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެ ހުށެހެޅުމަށް ހަ މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

"އަޅުގަނޑު ހުށަހަޅަން މަޖިލީހުގެ ރައީސާއެކީގައި އަދި ޕާޓީތަކުގެ އަޅުގަނޑަށް ހީވަނީ މަޖިލިސް ތެރޭގައި އޮވޭ ކަންނޭގެ މިކަހަލަ ވަރަށް ބޮޑަށް މަޖިލިސް ތެރޭގައި ހިޔާލުތަފާތުވާ ކަންތައްތަކުގައި ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި މުގައްރިރުންނާއި ހިމެނޭ ކޮންމެސް އިންތިޒާމެއް އޮވޭކަންނޭނގެ. އެހިސާބުން ސާފުކުރައްވަން ވީނުންތޯއޭ އަޅުގަނޑުމެން ކުރިއަށް ދާނެ އަމާޒެއް،" މެމްބަރު ވައްޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލަރުންގެ ދައުރާ މެދު ވީހާވެސް އަވަހަށް ގޮތް ނިންމަން ޖެހޭ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ހިސާން ހުސައިންވެސް ފާހަގަ ކުރެއްވި އެވެ.

ހިސާން ވިދާޅުވީ ދައުރާ މެދު ގޮތް ނިންމަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ހަފްތާގެ މުއްދަތެއް ދެން ނެތް ކަމަށެވެ. އަދި ދައުރު ހަމަވާއިރު އެ މަސައްކަތް ނުނިމިއްޖެ ނަމަ ގާނޫނީ ހުސްކަމަކަށް ދާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑު ތި ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވަން ހަމަ މިހާރުގެ އެގްޒިސްޓިންގް ކައުންސިލުތަކުގެ މުއްދަތު ހަމަވާން ދެހަފްތާއަށް ގާތްގަނޑަކަށް މިވީ. އެހެންވީމާ އަޅުގަނޑުމެންނަށް ޑިސިޝަންތަކެއް ނަގައިގެން ކުރިއަށް ނުގެންގޮސް ދެވިއްޖެއްޔާ ދެހަފްތާ ނިމިގެންދާއިރު މުޅި ސިސްޓަމް ހުސް ކަމަކަށް ދާނެ،" ހިސާން ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު ދިގު ނުކުރުމާ ބެހޭގޮތުންވެސް މިރޭގެ ކޮމިޓީގައި ވަރަށް ފުޅާކޮށް ވާހަކަދެއްކި އެވެ. މެމްބަރު ވައްޑޭ ވިދާޅުވީ މިހާރު ތިބި ކައުންސިލަރުން ފިޔަވައި އިތުރު ބަޔަކު ކައުންސިލުތަކުގެ ދައުރު ދިގު ދައްމަން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކައުންސިލަރުންގެ ދައުރާމެދު ގޮތް ނިންމުމުގެ މައްސަލާގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެއީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކުރިއަށް ދާނީތޯ ނުވަތަ ސަންސެންޓް ގާނޫނުން ދައުރު ދިގު ކުރާނީތޯ ކުރެވޭ ބަހުސެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލް އަދި ބަންޑާރަ ނައިބުވެސް ލަފާ ދެއްވާފައިވަނީ ކައުންސިލުތަކުގެ ދައުރު ދިގު ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށެވެ.

comment ކޮމެންޓް