ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވަނީ ފޮނުވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައިސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކޮވޮޑް-19 ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ އަދަވަޅުން އަރައިގަތުމަށް ދައުލަތުން ބޮޑެތި މުސާރަ ދޭ ފަރާތްތަކުގެ މުސާރަތައް ވަނީ ކުޑަ ކޮށްފަ އެވެ. އެގޮތުން 20 އިންސައްތަ އާއި 30 އިންސައްތަ އަށް މުސާރަ ކުޑަ ކުރި ނަމަވެސް ސިވިލް ސާވިސްގެ އާދައިގެ މުވައްޒަފެއް އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް:

މާލީ އިނާޔަތް: 75،000 ރުފިޔާ
އެކޮމޮޑޭޝަން: 10،000
އޮފީސް ހިންގުމަށް: 87،000

ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު އަދަދެއް އެކި އިނާޔަތުގެ ގޮތުގައި ދައުލަތުން އަންނަނީ ކޮންމެ މަހަކު ހޭދަކުރަމުންނެވެ. އެގޮތުން އެބޭފުޅުންގެ މާލީ އިނާޔަތާއި އޮފީސް ހިންގުމުގެ ހަރަދު އަދި ބޭސްފަރުވާއަށް 15 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.

comment ކޮމެންޓް