ސަރުކާރުގެ މުސާރަތައް ކުޑަކުރާ ގޮތުގެ ތަފްސީލް އާންމުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރާ މިންވަރަށް ބަދަލުތަކެއް ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ މި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

އަލަށް ގެނައި ބަދަލުތަކުގެ ދަށުން މިނިސްޓަރުގެ ނައިބާއި އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީ މަގާމުތަކުގެ ތެރެއިން އަސާސީ މުސާރަ 20،000ރ އަށްވުރެ ދަށްވި ނަމަވެސް އެ މަގާމުތަކުގެ އަސާސީ މުސާރައިން 20 ޕަސެންޓު އުނިކުރަން ވަނީ ނިންމާފަ އެވެ.

އެ މަގާމުތަކުގެ އަސާސީ މުސާރަ 20،000ރ އަށްވުރެ މަތި ސިޔާސީ މަގާމުތަކުގެ މުސާރަ، ކަނޑައަޅާފައިވާ ތާވަލަށް ފެތޭ ގޮތަށް އުނިކުރަން ވެސް ވަނީ ނިންމާފަ އެވެ.

އެ ތާވަލުގައި ބުނާ ގޮތުން 20،000ރ އާއި އެއަށްވުރެ ދަށް މުސާރަތަކުން އެއްވެސް ޕަސެންޓެއް އުނި ނުކުރާނެ އެވެ. އަދި 20،001ރ - 30،000ރ އާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ވަނީ ނިންމާފަ އެވެ. ކުރިން މި ބްރެކެޓުގައި އޮތީ 20،000ރ - 25،000ރ އާ ދެމެދުގެ މުސާރަތަކެވެ.

މީގެ އިތުރުން 30،001ރ - 60،000ރ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ނިންމާފައިވާއިރު، ކުރިން އޮތީ 25،000ރ - 60،000ރ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކެނޑުމަށެވެ. އަދި ކުރިއެކޭ ވެސް އެއްފަދައިން 60،001ރ އަށްވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައިވަނީ 35 ޕަސެންޓެވެ.

މީގެ އިތުރުން ގެއަށް ގެންދަން ލިބޭ ޖުމުލަ މުސާރައާއި އިނާޔަތްތަކުގެ ސީލިންތަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ.

އަސާސީ މުސާރައާއި ގެއަށް ގެންދަން ލިބޭ ޖުމުލަ މުސާރައާއި އިނާޔަތްތައް އުނިކުރުމުން އިސްތިސްނާވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނެނީ؛

  • ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުން
  • ހެލްތު ޕްރޮޓެކްޝަން އެެޖެންސީގެ މުވައްޒަފުން
  • ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުން
  • އެމްއެންޑީއެފް
  • މޯލްޑިވްސް ޕޮލިސް ސާވިސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެ ފަރާތެއް ނިސްބަތްވާ އިދާރާއަކުން އައްޔަން ކުރުމުގެ ސަބަބުން އެ ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތައް

ގެއަށް ގެންދަން ލިބޭ މުސާރައާއި އިނާޔަތުގެ ކެޕް ހިސާބުކުރާއިރު ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އެލަވަންސް ނުހިމެނޭނެ އެވެ. އަދި ބޭރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ މުސާރައާއި އިނާޔަތަށް ކެޕެއް ނުލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ކުރިން ނިންމި ގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލައި އެއްވެސް އާ މަގާމަކަށް މުވައްޒަފުން ނުނެގުމަށް އެދިފައިވާއިރު، ވަކިވާ މުވައްޒަފުންގެ ބަދަލުގައި ވެސް މިނިސްޓްރީގެ ހުއްދައާ ނުލައި އާ މުވައްޒަފުން ނުނެގުމަށް އަންގާފައިވެ އެވެ.

މީގެ ކުރިން މުވައްޒަފުންނަށް ނުދޭ އާ އެލަވަންސްތައް ނުދިނުމަށާއި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ހަވަވުމުން އިތުރުގަޑީގެ ފައިސާ ދިނުމަށް އަންގާފައިވެ އެވެ.

މުސާރައާއި އިނާޔަތުގެ ބޭރުން ދޭ އެހެނިހެން ބެނިފިޓްސް (މިސާލަކަށް އިންޝުއަރެންސް) މިނިސްޓްރީގެ ހުއްދަ ނެތި ނުދިނުމަށާއި މުއްދަތު އިތުރު ނުކުރުމަށް އަންގާފައިވާއިރު، ޕެންޝަންގެ އަދަދާއި އިތުރު ގަޑީގެ ފައިސާ ކަނޑާއިރު ބަލާނީ އަސާސީ މުސާރަ އުނިކުރަން ޖެހޭނަމަ، އުނިކުރުމުން އަންނަ އަސާސީ މުސާރައަށެވެ.

comment ކޮމެންޓް