އިންޑިއާ މަނަވަރުގައި އިތުރު 588 މީހަކު ފުރައިފި

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން އިތުރު 588 މީހުންނާ އެކު، އިންޑިއާ މަނަވަރު މިއަދު ފުރައިފި އެވެ.

ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ.

އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ ގެންގޮސްފައެވެ.

އިންޑިއާގެ އަސްކަރީ މަނަވަރަށް މީހުން އަރުވަނީ -- ފޮޓޯ/ ކިޔުންތެރިއެއް

މި މަނަވަރުގައި އިންޑިއާ އަށް ދާ ރައްޔިތުން ފުރަތަމަ ޖެހޭނީ ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ. އެނބުރި އެމީހަކު ދާން ބޭނުންވާ ސްޓޭޓަކަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު އެވެ.

ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އެނބުރި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ.

ރާއްޖެއިން މިހާތަނަށް 1020 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 99 މީހަކު ހިމެނެ އެވެ.

comment ކޮމެންޓް