ރާއްޖޭގެ ކޮވިޑް19 ޕޮޒިޓިވް ކޭސްތައް 1،000 އިން މައްޗަށް

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،000 އިން މައްޗަށް އަރައިފި އެވެ.

އިއްޔެގެ ނިޔަލަށް ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 982 ގައެވެ. ނަމަވެސް މިއަދު ވަނީ އިތުރު 38 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1020 އަށް އަރާފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 29 ދިވެހިންނާއި އަށް ބަންގަލަދޭޝީންގެ އިތުރުން ނޭޕާލްގެ އެކަކެވެެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނ. މަނަދޫގެ ނުވަ މީހަކު ވެސް ހިމެނެ އެވެ. މާލެ ފިޔަވައި ރާއްޖެއިން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެފައި ވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ ށ. މިލަންދޫގެ ކ. ތުލުސްދޫންއިންނެވެ. އޭގެ ތެރެއިން އުލިގަމުން ޕޮޒިޓިވްވި ހަމައެކަނި މީހާ މިހާރު ވަނީ ބަލިން ރަނގަޅު ވެފަ އެވެ.

މީގެ އިތުރުން މިއަދު ކ. ހިންމަފުށީގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރުން ނެގި ތިން ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވް ވެފައިވާކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 46 އެވެ.

އަދި ބަލި ޖެހިގެން ހަތަރު މީހަކު މަރުވެފައިވެއެވެ.

comment ކޮމެންޓް