ލައިލަތުލް ގަދުރި ހޯދަން ގަދައަޅާ މަސައްކަތް ކުރޭ!

ރަމަޟާން މަހުގައި މާތްﷲ ސުބުހާނަހޫ ވަތައާލާ ލައްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ އެ މަހުގައި ލައިލަތުލް ގަދްރި ވިލޭރޭ ލައްވާފައިވުމެވެ. ލައިލަތުލް ގަދްރިވިލޭރެއަކީ އެ ރެއެއްގައި ކީޜިތި ގުރުއާން ބާވާލެއްވުނު ރެއެވެ. ލައުހުލް މަހްފޫޟުން ދުނިޔޭގެ ބިމަށް ގުރުއާންބާވާލެއްވުނު ރެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން މި ގުރުއާން ތިމަންﷲ ބާވާލެއްވީ މަތިވެރި ވެގެންވާ ރެއެއްގައެވެ. ބަރަކާތްތެރި ވެގެންވާ ރެއެއްގައެވެ. ހުރިހާ ހިކްމަތްވަންތަ މަތިވެރި ނިންމުންތައް އެރޭގައި ﷲ ނިންމަވައެވެ. ތިމަން ﷲގެ ހަޒްރަަތުންވާ ނިންމުންތަކެއްގެ ގޮތުގައެވެ. ތިމަން ﷲ އީ ރަސޫލު ބޭކަލުން ފޮނުއްވާ މަތިވެރި ރަސްކަލާންގެއެވެ."

ލައިލަތުލް ގަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެހެންކަމުން މިފަދަ މަތިވެރި ނަސީބެއް މާތް ﷲ މިއުންމަތަށް ރަމަޟާންމަހުގައި ލެއްވުމީ ބޮޑު ނިއުމަތެއްކަމުގައި ދެކެންޖެހެއެވެ.

އެހެންކަމުން ކޮންމެ މުސްލިމަކުވެސް ވަކި އުމުރުފުރައަކަށް ބެލުމެއް ނެތި އެރޭގެ ހެޔޮކަން ހޯދުމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ. ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ލައިލަތުލް ގަދްރިވިލޭރޭ ނަމާދުކޮށް ގާއިމްވެހުރެ ޒިކުރުކޮށް ﷲގެ ހަޒްރަތުގައި ހުރެ ޘަވާބާއި ދަރުމައަށް އެދުނު މީހާގެ އިސްވެގޮސްފައިވާ ހުރިހާ ފާފައެއް މާތްﷲ ފުއްސަވާދެއްވައެވެ."

ހަމައެޔާއެކު އެރޭގެ އިރުއެރުމާއި ހަމައަށް ދުނިޔެއަށް ބާޢްޖަވެރިކަން ހުރިކަމަށްވެސް ކީރިތި ގުރުއާނުގައި ބަޔާންވެފައިވެއެވެ. އަދި ޖިބްރީލްއަމީން މަލާއިކަތުންނާއެކީ ދުނިޔޭގެ ބިމަށް ފައިބާވަޑައިގަންނަވާނެ ކަމަށްވެސް ވެއެވެ. އެރެއަކީ ބާއްޖަވެރިކަމާއި އަމާންކަން ލައްވާފައިވާ ރެއެކެވެ.

ދެން އެޔާއެކު ހިތުގައި އުފެދޭ ސުވާލަކީ އެރެއަކީ ކޮން ރެއެއްކަމެވެ. އެހެންނަމަވެސް މިއީ އެއްވެސް މީހަކަށް ކަނޑައެޅި ބުނެދޭން އެނގޭ ރެއެއް ނޫނެވެ. އިލްމުވެރިން ރަސޫލާގެ ހަދީޘްފުޅެއްގެ މައްޗަށް ބިނާކޮށް ވިދާޅުވާގޮތުގައި އެރެއަކީ ރަމަޟާންމަހުގެ ފަހުގެ ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެކެވެ. އެއާއިއެކު ބައެއް ފިޤްހީ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެއީ 27 ވިލޭރޭ ކަމަށެވެ. އެހެންނަމަވެސް މިއީ ބައެއް އިލްމްވެރިންގެ ރައުޔެވެ.

އެހެންކަމުން މި މަތިވެރިރެއަކީ ކަނޑައެޅިގެން ކޮން ރެއެއްކަން ބުނެދޭން ނޭގުމާއިއެކު މިކަމަށް އޮތް ހައްލަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް އަޅުކަމައިގެން ގާއިމްވެހުރުމެވެ. ތަރާވީހް ކުރުމާއި، ދަމުނަމާދު ކުރުމާއި ޒިކުރުކުރުން ގިނަކޮށް، ގުރުއާން ކިޔެވުމުގައިވެސް ހޭދަކުރާ ވަގުތު އިތުރުކުރުމެވެ. މިގޮތުގައި ފަހު ދިހައިގެ ކޮންމެ ރެއެއްވެސް ހޭދަކޮށްފިނަމަ ﷲގެ އިރާދަފުޅާއިއެކު އެމީހަކަށް ލައިލަތުލް ގަދްރި ވިލޭރޭ ލިބޭނެއެވެ. އިޚްލާސްތެރިކަމާއިއެކީ އަޅުކަމުގައި ގާއިމްވެ ހުންނާށެވެ. ﷲ ކާމިޔާބު ދެއްވާނެއެވެ.

comment ކޮމެންޓް