ޓެސްޓިން ކެޕޭސިޓީ މަދުވިނަމަވެސް ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވެ، ސާޖެއް އަޔަސް އެނގޭނެ ކަމަށާއި އެ ސާޖް ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހަދާފައިވާ އަންދާޒާތަކުން ދައްކާ ގޮތުން މިމަހުގެ ނިޔަލަށް ބޮޑު ސާޖެއް އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އަދިވެސް އުންމީދު ކުރެވޭ ވަރުގެ ސާޖެއް ނާންނަ ކަމަށާއި ޓެސްޓް ކުރެވޭ އަދަދު މަދުވިޔަސް، ސާޖެއް އައިސްފި ނަމަ ފުލޫ ކްލިނިކަށް ދާ މީހުންނާއި ސާރީ ކޭސްތައް (ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން) އިތުރުވާނެ ކަަމަށެވެ. އެހެން ކަމުން ސާޖެއް އައުމުން އެނގޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ހަގީގަތުގައި ސާޖެއް އައިސްފިނަމަ، ހަމަގާއިމުވެސް އެނގޭނެ ސަރޮގޭޓް އިންޑިކޭޓާސް އިން. މާނައަކީ ސަވަޔަލެންސް [ޓެސްޓްތަކުން] އެކަނި ނޭނގުނު ނަމަވެސް، ސާޖެއް އައިސްފިނަމަ ގައުމުވެސް ފުލޫ ކްލިނިކް [ޑޮކްރަށް ދައްކަން ދާ މީހުން] އަދަދުތައް އިތުރުވާނެ. މީގެ އިތުރުން ސާރީ ކޭސްތައް، މާނައަކީ އެޑްމިޓް ކުރެވިގެންދާ ކޭސްތައް އިތުރުވެގެން ދާނެ. އެހެންވީމަ މިހާރު މި ހުރި ވަރުގެ ޓެސްޓިން ކެޕޭސިޓީ ހުރި މިންވަރަށްވެސް ސާޖެއް އަންނަ ނަމަ އެކަން ކެޕްޗާކޮށްލެވޭ[އެނގޭނެ]،" ޓެސްޓިން މަދުވުމުގެ ސަބަބުން ސާޖެއް އަޔަސް ނޭނގޭނެ ކަމަށް ދެކެވެމުންދަ ވާހަކަތަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ
އަފްޒަލް ވިދާޅުވި ގޮތުގައި އަދިވެސް އުންމީދު ކުރެވޭ ވަރުގެ ބޮޑު ސާޖެއް ނާންނަ ކަމަށެވެ. އަދި ސާޖް އެންމެ ބޮޑަށް ތިރިކޮށްލެވޭނެ ފިޔަވަޅަކީ ފުރަބަންދު ކަމަށާއި މި މުއްދަތު ދިގުވާއިރު، ރައްޔިތުުންވެސް މި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ހޭނޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެގޮތުން ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާއިރު ވައިރަހަށް ރައްކާތެރިވެ، ގައިދުރުކަން އިސްކޮށް، ސާފުތާހިރުވުމަށް ސަމާލުކަންދޭ ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.
"މި ސަބަބުތަކަށްޓަކައި ވެދާނެ އަޅުގަނޑުމެންނަށް ސާޖް ނުފެންނަނީ ކަމަށް. ދެން އަޅުގަނޑުމެން އުންމީދު ކުރަނީ ސާޖެއް އަޔަސް އަންނާނީ ވަަރަށް ލޯ [ކުޑަ] ސަޖެއް ކަމަށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސްއެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެއީ 98 ކޭސްއެވެ. އެފަހުން ރައްޖޭގެ ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އުޅެނީ 50 އާއި 25 އާ ދެމެދުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވިދާޅުވި ގޮތުގައި، މި މަސް ނިމޭއިރު ރާއްޖޭގެ ފުރަތަމަ "ސާޖް"އާ ކުރިމަތިލާން ޖެހޭނެ އެވެ. އޭރު ބައްޔަށް ޕޮޒިޓިވް، 1600 އެއްހާ މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެހާލަތައް ދާއިރު އައިސީޔޫތަކަށް ބާރުބޮޑުވާނެކަމަށްވެސް ޑރ. ޝީނާ ވަނީ ވިދާޅުވެފަ އެވެ.
މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. ނަމަވެސް ވައިރަސް ޖެހޭ މީހުންގެ އަދަދު ކުރިން ލަފާ ކުރި އަދަދަށްވުރެ 50 ޕަސަންޓް މަދުވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަތުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު 555 ސާމްޕަލްއެއް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ނެގި ސާމްޕަލްގެ އަދަދަކީ 13،639 ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި ދުވަހުން ދުވަހަށް ނަތީޖާ ހެދޭ ޓެސްޓްތަކުގެ އަދަދަކީ، 300-350 ސާމްޕަލްއެވެ. ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 982 އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 46 އެވެ. އޭގެ ތެރެއިން ހަ މީހަކު ރަނގަޅުވިކަން އިއުލާން ކުރީ މިރޭގެ ނޫސްވެރިންގެ ބައްދަލުމުގައެވެ. ރާއްޖެއިން މިބަލިން މަރުވި މީހުންގެ އަދަދަކީ، ހަތަރެކެވެ.