ހިތަދޫ ކޯޓުން ފުރަތަމަ ފަހަރަށް އޯޑިއޯ ވީޑިއޯ ކޯލުން މައްސަލައެއް ކުރިއަށް ގެންގޮސްފި

އައްޑު ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް --- ފޮޓޯ : ފޯސްކުއެއާ

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ފުރަތަމަ ފަހަރަށް މައްސަލައެއް އޯޑިއޯ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށް ގެންގޮސްފިއެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށް ހިދުމަތްތައް އޮންލައިންކުުރަމުން ގެންދާއިރު ބައެއް ކޯޓުތަކުގެ މަސައްކަތްތައްވެސް ދަނީ އޮންލައިން ކުރުމަށް ބަދަލުކުރަމުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބަލާފައިވަނީ އާއިލީ މައްސަލައެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ސުޕްރީމް ކޯޓުން އެކުލަވާލި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިޔުމާ ގުޅޭ ހާއްސަ ގަވާއިދަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.

އެ ގަވާއިދުގައި ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ހާލަތްތަކާއި، ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް އިންތިޒާމު ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، އަޑުހުއެންތައް ކުރިއަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވެއެވެ.

އެ ގަވާއިދުގައި ބުނާގޮތުގައި ވީޑިއޯ ކޮންފަރެންސް އިން ގުޅާލައިގެން ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު ޝަރީއަތް ހިންގާ ކޯޓުގެ ޝަރީއަތުގެ މާލަމާއި ގުޅިފައިވާ އެހެން މާލަންތަކުގައި ތިބޭ މީހުން އިވުމާއި ފެނުމުގެ ތެރެއިން އެ މާލަންތަކުގައި ހިނގާ ކަންކަން ދާކަމުގައި ވަނީނަމަ ޝަރީއަތް ހިންގާ ކޯޓުގެ ޝަރީއަތުގެ މާލަމާ ގުޅިފައިވާ މާލަން ތަކުގައި ތިބި އެންމެން އެ ތިބީ އެއް ހާޒިރެއްގައި ކަމަށެވެ.

އޭގެއިތުރުން އަޑުއެހުންތައް އިންތިޒާމުކުރުމާއި އަޑުއެހުން ކުރިއަށްދާނެ ގޮތާއި އަޑުއެހުން ރިކޯޑުކުރުމުގެ އިތުރުން ގަވާއިދުގައި ނެތް ކަމެއް ދިމާވުމުން އަމަލުކުރާނެގޮތްވެސް އެ ގަވާއިދުގައި ހާމަކޮށްފައިވެއެވެ. އެގޮތުން ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމަށް ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

comment ކޮމެންޓް