ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވެއްޖެ

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ: ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ވަނީ އަވަހާރަވެފައި

ކޮވިޑް-19އަށް ފަރުވާ ހޯއްދަވަމުން ގެންދެވި، މަޝްހޫރު ވިޔަފާރިވެރިޔާ މަރޮށީ ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު) އަވަހާރަވެއްޖެ އެވެ.

ރާއްޖޭގެ ބޮޑު ހޯލް ސޭލް ވިޔަފާރިއެއް ކަމަށްވާ، އެމްއެޗްއޭގެ ބާނީ، ހުސައިން ކަލޭފާނު އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާދެމުން ދަނިކޮށް މިރޭ 11:15 ހާއިރު އެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ.

އެ ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް ހުސައިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް ވެސް ވަނީ މިދިޔަ އެޕްރީލް 30 ވަނަ ދުވަހުގެ ރޭ އަވަހާރަވެފަ އެވެ.

ހުސައިން ކަލޭފާނަކީ ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ސަރުކާރުން ވަނީ ހުސައިން ކަލޭފާނަށް އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފަ އެވެ. އަދި 2005 ވަނަ އަހަރު ހަމަ އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި 2011 ވަނަ އަހަރު ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް ވެސް ވަނީ އަރުވައިފައެވެ.

ހުސައިން ކަލޭފާނު ވަނީ މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްގީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވައިފަަ އެވެ.

އޭނާއަކީ އަމިއްލަ މަސައްކަތުން ކުރިއަށް ވަޑައިގެން، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުރީ ސަފުން ޖާގަ ހޯއްދެވި ކުޅަދާނަ، ހިންގުންތެރި ވިޔަފާރިވެރިއެކެވެ.

ތައުލީމީ ދާއިރާއިންނާއި އިޖްތިމާއީ، އިގްތިސާދީ އަދި އުމްމްރާނީ ތަރައްގީގައިވެސް ހުސައިން ކަލޭފާނު ވަނީ ފާހަގަކޮށްލެވޭ ހިދުމްތަތަކެއް ކޮށްދެއްވައިފަ އެވެ.

ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ ތެރޭގައި ގާރީކަމުގެ ސަނަދު ހޯދުމަށް އަތޮޅުގެ ހުރިހާ ރަށަކުން ކުދިން ޕާކިސްތާނަށް ފޮނުވުމާއި ރާއްޖެއިން ބޭރަށް ތައުލީމު ހާސިލުކުރުމަށް ދިޔުމަށް ބައެއް ކުދިންނަށް އެހީތެރިކަން ދިނުން ހިމެނެ އެވެ.

އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ދަށް ރަށްރަށުން ކުދިން މަރޮށްޓަށް ގެންގޮސް، އަމިއްލަ ހަރަދުގައި އެކުދިންނަށް ކިޔަވައިދެއްވުމުގެ އިތުރުން އަތޮޅުތެރޭގައި ތިބި ބައެއް ނިކަމެތި އާއިލާތަކުގެ ކުދިންނަށްވެސް އަމިއްލަ ހަރަދުގައި ކިޔަވައިދެއްވި އެވެ.

ތައުލީމަށް ދެއްވި އަހަންމިއްޔަތުގެ ސަބަބުން 1979 ވަނަ އަހަރު އެންމެ ތިން މުދައްރިސުންނާއެކު، އަލްމަދްރަސަތުލް މުނައްވަރާގެ ނަމުގައި އަމިއްލަ ގޭގައި ރަށު ކުދިންނަށާއި އަތޮޅުގެ ކުދިންނަށް ހިލޭ ސާބަހަށް ކިޔަވައިދެއްވަން ފެއްޓެވި އެވެ. އެ ސްކޫލު ސަރުކާރު ސުކޫލަކަށް ބަދަލުކުރީ އޭގެ 27 އަހަރު ފަހުންނެވެ.

comment ކޮމެންޓް