އާމްދަނީ ބޮޑުތަނުން ދަށްވެ، 527.47 މިލިއަން ރުފިޔާއަށް ވެއްޓިއްޖެ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ އޭޕްރީލްމަހު ދައުލަތިގެ ޓެކްސް އިދާރާ، މީރާ އަށް ލިބުނު އާމްދަނީ 59.6 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި އޭޕްރީލް މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 527.47 މިލިއަން ރުފިޔާ އެވެ. މި މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.31 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 59.6 ޕަސެންޓް ދަށް އަދަދެކެވެ.

އާމްދަނީ ދަށްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓިފައިވާތީ ކަމަށް މީރާ އިން ބުންޏެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން ދައުލަތުގެ ޓެކްސް އިދާރާ މީރާ ބަންދުކޮށްފަހު ހުންނަ މުއްދަތުގައި ސުންގަނޑި ހަމަވާ ޓެކްސް ތަކުގެ ސުންގަޑި އިތުރު ކުރުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް އޭޕްރީލް މަހުވެސް މީރާ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 235.75 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 44.7 ޕަސެންޓެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިސޯޓްތަކުގެ ބިމު ކުލި ނުވަތަ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގަ އެވެ. ޖުމްލަ އާމްދަނީގެ 25.2 ޕަސެންޓް ޓޫރިޒަމް ލޭންޑް ރެންޓު ހިއްސާކުރާއިރު އާމްދަނީގެ ގޮތުގައި ލިބުނީ، 133.02 މިލިއަން ރުފިޔާ އެވެ.

ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ވިޔަފާރި ފައިދާހުގެ ޓެކްސް، ބީޕީޓީ އިންނެވެ. ބީޕީޓީގެ ގޮތުގައި 39.99 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ ހަތް ޕަސެންޓެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އޭޕްރީލް މަހު އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި 27.35 މިލިއަން ރުފިޔާ ލިބުނެވެ. ގްރީން ޓެކުހުގެ ގޮތުގައި 35.74 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 27.52 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

comment ކޮމެންޓް