ކޮރޯނާވައިރަސް: ޕުޓިންގެ ސްޕޯކްޕާސަން ހާލު ދެރަވެ އެޑްމިޓްކޮށްފި

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ސްޕޯކްޕާސަން ޑިމިޓްރީ ޕެސްކޯ ---

މިހާޜު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޝިކާރައަކަށްވި ރަޝިޔާގެ ރައީސް ވަލްޑިމިއާ ޕުޓިންގެ ސްޕޯކްޕާސަން ޑިމިޓްރީ ޕެސްކޯވްގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

އުމުރުން 52 އަހަރުގެ ޕެސްކޯވްއަށް ކޮވިޑް-19 ޖެހިފައިވާކަން މީގެ ކުރިން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާގެ ހާލު ކުރިއަށް ވުރެން ގޯސްވުމާ އެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރަޝިޔާގެ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޕުޓިންއަށް މަސައްކަތް ކޮށްދެއްވަން ފެއްޓެވި ޕެސްކޯވް އޭނާގެ ސްޕޯކްޕާސަންގެ މަގާމާއި ހަވާލުވީ 2008 ވަނަ އަަހަރު އެވެ. އެހެން ކަމުން ޕެސްކޯވްއަކީ ޕުޓިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރަޝިޔާގައި ވައިރަސް ކޮންޓްރޯލް ނުވެ ފެތުރެން ފެށުމާ އެކު އެއްފަހަރާ އެންމެނަށް ފަރުވާ ދިނުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ދިމާވެފަ އެވެ. އެހެން ކަމުން ވައިރަސް ހުއްޓަސް ހާލު ދެރަނުވާ ހިނދަކު ގޭގައި މަޑު ކުރުމަށް ރަޝިޔާގެ ސިއްހީ މާހިރުން ވަނީ ލަފާ ދީފަ އެވެ. އެއާ އެކު ހޮސްޕިޓަލްތަކަށް ދެން ގެންދާނީ ހާލު ގޯސްވާ މީހުންނެވެ.

ޕެސްކޯވް އެންމް ފަހުން ޕުޓިންއާ އެކު ފެނިފައި ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވި އޮންލައިން ބައްދަލުވުމަކުންނެވެ.

ކޮރޯނާ ވައިރަސް މިވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ރަޝިޔާގައި އިއްޔެވެސް ވަނީ އެގައުމުން ރެކޯޑު މިންވަރަކަށް މީހުން ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއާ އެކު އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް މިހާރު ވަނީ ހަރުކަށި ކޮށްފަ އެވެ.

މީގެ އިތުރުން އެގައުމުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެޔާ ޔުނިޓުގައި މިއަދު ރޯވެ، ކޮވިޑް-19 ބަލި ޖެހިފައިވާ ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ހުރި ސެއިންޓް ޖޯޖް ހޮސްޕިޓަލުގެ އައިސީޔޫގައި ރޯވީ ވެންޓިލޭޓަރެއް ޝޯޓުވުމުން ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. އަދި މަރުވި ފަސް މީހުންނަކީވެސް ވެންޓިލޭޓަރާ ގުޅާފައި ތިބި މީހުން ކަމަށް ނޫސްތަކުގައިވެ އެވެ.

ރަޝިއާގެ ކޮރޯނާވައިރަހުގެ ކޭސްތައް މިހާރު 232،000އަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2،100އަށް ވުރެ އިތުރުވެފަ އެވެ. އެގައުމަކީ މިހާރު ދުނިޔޭގައި ވައިރަހުގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ ގައުމެވެ.

comment ކޮމެންޓް