ޝިޔާމް އައްޑޫއާ ގުޅޭ މައްސަލައެއް ހުށަހެޅުމުން ކަމަކު ނުދިޔަ!

ނައިފަރު ދާއިރާގެ މެންވަރު ޝިޔާމް -- ސަން ފޮޓޯ/ އަހްމަދުަ ސައީދު

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު، އަހްމަދު ޝިޔާމް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލުކުރައްވާ މެމްބަރުން އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހެޅުއްވީ އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތާއި، ރައްކާތެރިކަމުގެ ވަސީލަތްތަކާއި ފަރުވާދޭނެ އެކަށޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ކަމަށެވެ.

ޕީޕީއެމްގެ މެމްބަރަކު އައްޑޫ ސިޓީއާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވި އިރު، މަޖިލީހުގައި އައްޑޫ ސިޓީގެ ހަތް ދާއިރާވެސް ތަމްސީލުކުރައްވަނީ އެމްޑީޕީ މެމްބަރުންނެެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މިއަދުގެ ޖަލްސާގައި ބަހުސް ކޮށްފައި ވާއިރު، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ވަނީ މެމްބަރު ޝިޔާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

"އައްޑޫ މެމްބަރުން ތިބީ ނިދާފައެއް ނޫން"

ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ނައިފަރު ދާއިރާގެ މެމްބަރަށް ބައެއް މައުލޫމާތު ސާފުވެފައި ނެތް ކަމަށާއި، އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އައްޑޫގައި ޓެސްޓުކުރެވޭނެ ގޮތާއި އެހެނިހެން އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން މެމްބަރު ޝިޔާމް ކަންބޮޑުވެވަޑައިގެން މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އިރު، ނައިފަރުގައި އެ ހުރިހާ ކަމެއް ހަމަޖެހިފައި ހުރިތޯ ޝަރީފް ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ހީކޮށްގެން މި ހުރީ ނައިފަރުގައި ހުރިހާ ޓެސްޓެއް، ފެސިލިޓީއެއް ހުރެގެން، އައްޑޫގައި އެ ފެސިލިޓީތައް ނެތިގެން ކަންބޮޑުވެގެން އުޅެނީ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި ވަރަށް ގިނަ އަދަދެއްގެ ފޭކު ޓެސްޓު ކިޓުތަކާއި މެޝިންތައް އެބަހުރި ކަމަށެވެ. އަދި ރާއްޖެއަކީ ކަންމަތީ ސްޓޯރުތަކުން ޓެސްޓު ކިޓު ލިބެން ހުންނަ ގައުމެއް ނޫން ކަމަށާއި، މެޝިން އުފައްދާ ވެސް ގައުމެއް ނޫން ކަމަށެވެ.

"ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑުމެން އައްޑު އަތޮޅުގެ މެމްބަރުންް ތިބީ ނިދާފައެއް ނޫން. އަޅުގަނޑުމެން ދިޔައީ ރެޔާ ދުވާލު ސަރުކާރުން މިކަމަށް އަޅާ ފިޔަވަޅުތައް މޮނީޓާ ކުރަމުން،" ޝަރީފް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ވަރަށް ޓެސްޓް ހެދެމުން ނުދާކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި، ރާއްޖެއަށް ލިބިފައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން، އެންމެ ހެޔޮގޮތުގައި އެންމެ ބޮޑަށް ބޭނުންވާ ތަނަށް، ބޭނުންވާ ވަގުތަށް، އެކަންކަން ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ.

މެމްބަރު ޝަރީފް ވަނީ އައްޑޫގައި އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި އަންގި، މާސްކް އަދި ސެނިޓައިޒާ ނެތް ކަމަށް މެމްބަރު ޝިޔާމް ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގެން ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

"ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ވަރަށް ސެނިޓައިޒާ އާއި އަންގި އާއިމާސްކާ ނެތް ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް،" މެމްބަރު ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ. ރޮޒައިނާ ވިދާޅުވީ ނައިފަރުު ދާއިރާގެ މެމްބަރު ވާހަކަދެއްކެވި އިރު ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވާފައިވާ ކަަމަށެވެ.

"އައްޑޫ މީހާ ޕޮޒިޓިވްވި ނަމަ، ޓެސްޓު ކުރެވޭނެ ގޮތް ވަގުތުން ހަމަޖެހުނީސް"

އައްޑޫ ސިޓީން މާލެއަށް ގެނައި ބަލި މީހަކު ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވެ، ދެވަނަ ޓެސްޓު ނެގެޓިވްވެ އަދި އިތުރަށް ކަށަވަރު ކުރުމުން ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ.

އޭނާގެ ފުރަތަމަ ޓެސްޓު ޕޮޒިޓިވްވުމާ އެކު އައްޑޫ ސިޓީ މުޅިން ލޮކްޑައުން ކުރިއެވެ. ނަމަވެސް އޭނާ ވަައިރަހަށް ނެގެޓިވް ވުމުން އެ ހާލަތު ވަނީ އުވާލައިފައެވެ. އައްޑޫގައި ވައިރަހަށް ޓެސްޓު ކުރެވޭނެ އިންްތިޒާމް ހަމަޖެހިފައި ނެތުމުގެ ޝަކުވާތައް އިތުރުވީ އެ ކޭސްއާ އެކު އެވެ.

މެމްބަރު ރޮޒައިނާ މިއަދު ވިދާޅުވީ، އެ ކޭސް ޕޮޒިޓިވްވި ނަމަ، އައްޑޫގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަގުތުން ވަގުތަށް ހަމަޖެހިގެން ދިޔައީސް ކަމަށެވެ.

"އައްޑޫގެ އެ ކޭސް ޕޮޒިޓިވްވި ނަމަ އައްޑޫގަ ޓެސްޓު ކުރެވޭ ގޮތް، މެޝިނެއް ގެންގޮސްގެން ވިޔަސް ވަގުތުން ވަގުތަށް މިކޮޅުގަ ހުރި މެޝިނެއް ގެންގޮސްގެން ވެސް ހަމަޖެއްސިސް. އެހެން ނަމަވެސް ޕޮޒިޓިވް ނުވާތީ މާލޭގައި އެތައް ބަޔަކު އެއްފަހަރާ ޓެސްޓު ކުރަން ޖެހޭތީ ހަމަ އެކަން ކުރިއަށް އެ ގެންދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

މެމްބަރު ވިދާޅުވީ މިކަމުގައި ސަރުކާރުގެ އެއްވެސް އިހުމާލެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މިވަގުތު މާލޭގައި އެތައް ސަތޭކަ ބަޔަކު ޓެސްޓުކުރަމުން އަންނަ އިރު، އެންމެ މުހިންމީ މާލޭގައި އެ އިންތިޒާމު ގާއިމުވެފައި ހުރުން ކަމަށާއި، ރަށަކުން މީހެއްގެ ސާމްޕަލް ނަގަން ޖެހުނު ނަމަވެސް، 24 ގަޑިއިރުގެ ތެރޭގައި އެކަން ކުރެވޭ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން، އައްޑޫގެ ހުރިހާ މަޖިލިސް މެމްބަރުން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރޭ ވެސް ނައިބު ރައީސް ފައިސަލް ނަސީމާއި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު އައްޑޫގެ ހުރިހާ މެމްބަރުން ބައްދަލުކޮށް، މަޝްވަރާކޮށް، މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އައްޑޫގައި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާކަށެއް އައްޑޫގެ އެއްވެސް މަޖިލިސް މެމްބަރަކު މަޑުކޮށްގެނެއް ނުތިބޭނަމޭ. އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން ކަންކަން ބަލަމުންނޭ. ކަންކަން ގޯސްކޮށް ދާނަމަ އެކަންކަމަށް އަޅުގަނޑުމެން އެޓެންޑު ކުރާނަމޭ،" މެމްބަރު ވިދާޅުވި އެވެ.

"މައްސަލައިގައި ނޭނގޭ އާ ކަމެއް ނެތް"

މައްސަލައަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހަޅަނީ ސަރުކާރުގެ ސަމާލުކަމަށް ކަމެއް ގެނައުމަށް ކަމަށާއި، މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި، ސަރުކާރަށް ވެސް އަދި އައްޑޫ ދާއިރާގެ މެމްބަރުންނަށް ވެސް ސާފު ނުވާ ކަމެއް ނެތް ކަމަށެވެ.

މެމްބަރު ވިދާޅުވީ އައްޑޫގެ މިހާރުގެ ހާލަތަށް ބަލާއިރު، ހޮސްޕިޓަލުގައި 200 ޕީޕީއީ ކިޓު، އަދި ކޮންމެ ސިއްހީ މަރުކަޒެއްގައި 10 ޕީޕީއީ ކިޓު އެބަހުރި ކަމަށެވެ. އަދި މާސްކާއި، އަންގިއާއި އެހެނިހެން ސާމާނުވެސް މިވަގުތަށް ބޭނުންވާ ވަރަށް އެބަހުރި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

މެމްބަރު ވިދާޅުވީ މުޅި ރާއްޖޭގައި ވެސް އެންމެ އެކަށީގެންވާ ވަރަށް އެތަކެތި ލިބެން ނެތް ކަމަށާއި އެހެން ނަމަވެސް އައްޑޫގައި ކޮވިޑް19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މިހާރު އައްޑޫގައި ބައްޔަށް ޓެސްޓު ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ސަރުކާރުން ޔަގީންކަން ދީފައި ވަނީ އެތާ ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިއްޖެއްޔާ ހަމަ ވަގުތުން އޭގެ ސްޓޮކް އިތުރު ކޮށްދެއްވާނެ ކަމަށް،" މެމްބަރު ވިދާޅުވިއެވެ.

"މީ ކުއްލި މަައްސަލައެއް ނޫން، ކުއްލި ބަޣާވާތެއްގެ އިޝާރާތެއް"

މައްސަލައަށް ބަހުސްކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައަކީ މަޖިލީހުގައި ބެލޭވަރުގެ ކުއްލި މައްސަލައެއް ނޫން ކަަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއީ ކުއްލި ނުރައްކަލުގެ ހާލަތެއް. ކުއްލި ބަޣާވާތެއް ކުރުމަށްޓަކައި ރާވަމުން ގެންދާ ކަމުގެ އިޝާރާތެއްކަން. އެފަދަ އެތައް ކަމެއް މިގައުމުގެ ތެރެއިން އެބަދޭ ފެންނަމުން،" ނިހާދު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށް އޮޅުވާލައި، އައްޑޫ ރައްޔިތުންނަށް ނުބައި މަންޒަރުތަކެއް ދައްކައިގެން ސަރުކާރާ ދެކޮޅަށް އެ ރައްޔިތުން ނެރުމަށްޓަކައި، އައްޑޫ ރައްޔިތުން "ގަޅި ހައްދަން" މަޖިލީހަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

"އައްޑޫ ރައްޔިތުންނަކީ މިއަދަކު ހޭލުންތެރިކަން ކުޑަ ބައެއް ނޫން. އައްޑޫ ރައްޔިތުންނަށް އެނގޭ ޝިޔާމް އެ ވިދާޅުވި 400 ޑޮލަރުގެ ރެޕިޑް ޓެސްޓު ކިޓުން ޓެސްޓު ކުރީމާ ފަޅޯ ވެސް ޕޮޒިޓިވް ވާކަން. މިއީ އައްޑޫ ރައްޔިތުންނަށް އޮޅިފަ އޮތް ވާހަކައެއް ނޫން،" މެމްބަރު ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫގައި އަޅަަން ނިންމި ޓާޝަރީ ހޮސްޕިޓަލަށް ހޯދި ފައިސާ އެންމެ އެދެވޭ ގޮތުގައި އިންވެސްޓުކުރި ނަމަ، މިއަދު އައްޑޫގައި ހުރިހާ ޓެސްޓެއް ވެސް ހެދޭނެ ކަމަށާއި، މި މައްސަލަތައް ދިމާނުވާނެ ކަމަށެވެ.

ހިތަދޫ ދެކުނު އިބްރާހިމް ނާޒިލް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް، އައްޑޫ ތަމްސީލުކުރައްވާ ހުރިހާ މެމްބަރުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އައްޑޫގެ އިތުރުން، ދެކުނުގެ ހުރިހާ ރައްޔިތުންްނަށް ވެސް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމަށެވެ.

comment ކޮމެންޓް