ސައުދީއިން ދުވާލަކަށް އުފައްދާ ތެލުން އެއް މިލިއަން ފީފާ މަދުކުރަނީ

ސައުދީ އަރަބިއްޔާ--

ސައުދީ އަރަބިއްޔާއިން ދުވާލަކަށް އުފައްދާ ތެލުން އެއް މިލިއަން ފީފާ މަދުކުރަން ނިންމައިފި އެެވެ.

ސައުދީގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ މަހުން ފެށިގެން އެއް މިލިއަން ފީފާ މަދުކުރަން އެގައުމުގެ ގައުމީ ތެޔޮކުންފުނި އަރަމްކޯއަށް މިހާރު އަންގާފައިވާ ކަމަށެވެެ.

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް)އާއެކު ގެސައުދީން މިދިޔަ މަހު ބޭއްވި މަޝްވަރާތަކުގައިވެސް ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ. އެއާއެކު އޭޕްރީލްއިން ފެށިގެން ތެޔޮ އުފައްދާވަރުން 4.8 މިލިއަން ފީފާ މަދުވެގެން ދާނެ އެވެެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑްއާ ގުޅިގެން އެއްގަމާއި ވައިގެ ދަތުރުފަތުތަކާއި ފެކްޓްރީތަކުގެ މަސައްކަތް ހުއްޓިފައިވާތީ ތެލަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް ވެއްޓިފައެެވެ. އަދި ދާދިފަހުން ރަޝިއާއާ ސައުދީއާ ދެމެދު ތެތޮ އުފައްދާ މިންވަރާމެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.

ނަމަވެސް މިދިޔަ މަހު ދެގައުމުން ވަނީ ތެލުގެ ހަނގުރާމަ ހުއްޓާލައި އެއްބަސްވުމެއް ގާއިމްކޮށްފައެެވެ. އެއާއެކު ދުވާލަކު 9.7 މިލިއަން ފީފާ ތެޔޮ އުފައްދަން ވަނީ އެއްބަސްވެފަ އެވެެ.

ކޮރޯނާއާ ގުޅިގެން ތެލުގެ އަގު ވެއްޓިފައިވާ މި ދަނޑިވަޅު ސައުދީން ވަނީ އެގައުމުގެ ވެޓް ޓެކްސްވެސް ތިން ގުނަ ބޮޑުކުރަން ނިންމައިފައެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށް ދެމުންއައި ލިވިން އެލެވަންސްވެސް ނުދޭން ވަނީ ނިންމައިފަ އެވެ. -- އަލްޖަޒީރާ

comment ކޮމެންޓް