ވެންޓިލޭޓަރު ބީލަމުން އެސްޓީއޯ ޑިސްކޮލިފައި ކުރި ސަބަބު ސާފުކޮށްދީފި

ވެންޓިލޭޓަރު މެޝިނެއް

ރާއްޖޭގައި ހަލުވި ކަމާ އެކު ފެތެރުމެން އަންނަ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ގެންނަން ނިންމާފައިވާ ވެންޓިލޭޓަރުތަކުގެ ކްލޯސް ބީލަމުން އެސްޓީއޯ ޑިސްކޮލިފައި ކުރަން ޖެހުނު ސަބަބު ހެލްތު މިނިސްޓްރީގެ ފަރާތުން އެސްޓީއޯ އަށް ސާފުކޮށްދީފި އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމު ސޮއިކުރައްވައި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު މުހައްމަދު ރަޝާދަށް މިރޭ ފޮނުއްވި ސިޓީއެއްގައި ބުނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ތިން ކުންފުޏަކުން ވެންޓިލޭޓަރުގެ އަގު ހޯދަން ހުށަހެޅީ "ޔުނިވާސަލް ވެންޓިލޭޓަރު ވިތު ނިއޯނޭޓަލް އޮޕްޝަން" ނޫނީ ކުޑަކުދިންނަށް ފަރުވާ ދެވޭ ފީޗާ ހިމެނޭ ވެންޓިލޭޓަރުގެ އަގުތައް ހުށަހެޅުމަށް ކަމަށެވެ.

ނަމަވެސް ހެލްތު މިނިސްޓްރީ އިން ފޮނުވި ސިޓީގައި ބުނީ، އެސްޓީއޯ އިން ދިން ތިން އޮޕްޝަންގެ ތެރެއިން، ޔުނިޓެއް، 206،666.67 ރުފިޔާ އަށް ހުށަހެޅި އެންމެ ހެޔޮ އަގުގެ ގޮތުގައި ހުށަހެޅި ވެންޓިލޭޓަރުގައި "ނިއޯނޭޓަލް" ފީޗާ ނުހިމެނޭ ކަމަށެވެ.

"މި ތިން އޮޕްޝަންގެ ތެރެއިން އޮޕްޝަން ދޭއްގައިވާ ވެންޓިލޭޓަރުތަކަކީ މި މިނިސްޓްރީ އިން އެދިފައިވާ ނިއޯނޭޓަލް އޮޕްޝަން ހިމެނިފައި ނުވާ ތަކެއްޗެވެ. ނިއޯނޭޓަލް އޮޕްޝަން ކޮންމެހެން ހިމެނެން ޖެހެނީ، ކޮވިޑް19 ބަލީގައި އެންމެ ތުއްތު ކުދިންނަށް ވެސް [ޕްރީ މެޗުއާ އަދި ނިއު ބޯންސް] ފަރުވާ ދޭންޖެހޭ ހާލަތުގައި ނިއޯނޭޓަލް ވެންޓިލޭޓަރުތައް ކޮންމެހެން ބޭނުން ކުރަން ޖެހޭނެތީ އެވެ." އެސްޓީއޯ އިން ދެވަނަ އޮޕްޝަންގެ ގޮތުގައި 206،666.67 ރުފިޔާ އަށް ޔުނިޓެއް ހުށަހެޅި އަގާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ސަން އަށް ކޮޕީ ލިބިފައިވާ ސިޓީގައި ބުނީ، އެސްޓީއޯ އިން އެންމެ އަގުހެޔޮކޮށް ހުށަހެޅި ވެންޓިލޭޓަރަކީ، އެ މިނިސްޓްރީ އިން ދީފައިވާ ޓެކްނިކަލް ރިކުއާމެންޓަށް ނުފެތޭ ތަކެތި ކަމަށް ޓެކްނިކަލް ޓީމުން ނިންމާފައިވާ ކަމަށެވެ. އަދި އެ ސަބަބާ ހުރެ އެ މިނިސްޓްރީގެ ބިޑް ކޮމެޓީ އިން ނިންމީ އެ މަރުހަލާގައި ހޯދަން ޖެހޭ ވެންޓިލޭޓަރުތައް ސަޕްލައި ކުރުމަށް އެސްޓީއޯއާ ހަވާލުކުރަން ނުފެންނަ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން އެސްޓީއޯ އިން ހުށަހެޅި ކޯޓޭޝަންގެ ތެރެއިން ނިއޯނޭޓަލް ފީޗާ ހިމެނޭ ދެ މޮޑަލްގްގެ ތެރެއިން ޔުނިޓެއްގެ އަގު، 429،801 ރުފިޔާ އަށް ހުށަހެޅި އަގަކީ، 50 ޔުނިޓް ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރި، ކުންފުނި، މެޑްޓެކް މޯލްޑިވްސް އިން ހުށަހެޅި އަަގަށްވުރެ ޔުނިޓަކުން 140،887 ރުފިޔާ ބޮޑު އަގެކެވެ.

މެޑްޓެކް މޯލްޑިވްސް އަށް، ނިއޯނޭޓަލް ހިމެނޭ ގޮތަށް 50 ޔުނިޓް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ، ޔުނިޓެއް 288،914 ރުފިޔާގެ ރޭޓުން 14.44 މިލިއަން ރުފިޔާ އަށެވެ.

މެޑްޓެކް މޯލްޑިވްސްގެ ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 18 ޔުނިޓް އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.

އެސްޓީއޯ އިން ހުށަހެޅި ނިއޯނޭޓަލް ފިޗާ ހެމެނޭ ގޮތަށް، ފުރަތަމަ އޮޕްޝަންގެ ގޮތުގައި ހުށަހެޅި ކޯޓޭޝަންގައިވާ ގޮތުން ޔުނިޓަކަށް ހުށަހަޅާފައި ވަނީ 878،475 ރުފިޔާ އެވެ. މިއީ މެޑްޓެކް މޯލްޑިވްސްގެ އަގަށް ވުރެ ޔުނިޓަކުން 589،561 ރުފިޔާ ބޮޑު އަގެކެވެ.

ހެލްތު މިނިސްޓްރީގެ ސިޓީގައި އިތުރަށް ބުނީ، ހަތަރު ހޮސްޕިޓަލަކަށް ބޭނުންވާ 25 ވެންޓީލޭޓަރު މެޝިން ގެނައުމަށް އެސްޓީއޯ އަށް، މިދިޔަ ޖެނުއަރީ މަހު 26 ވަނަ ދުވަހު ހަވާލުކޮށްފައިވާ ކަމަށާއި އެ ތަނުން އަދި މިހާތަނަށް ލިބިފައި ވަނީ، ނިއޯނޭޓަލް ފީޗާ ނުހިމެނޭ ޔުނިވަސާލް 10 ވެންޓިލޭޓަރު ކަމަށެވެ. އަދި އޭގެ ތެރެއިން އެ އޭގެ މެޝިނެއް ގެނައުމަށް ހަވާލުކޮށްފައި ވަނީ، ޔުނިޓެއް 745،0000 ރުފިޔާގެ ރޭޓުން ކަމަށެވެ.

ނިއޯނޭޓަލް ފީޗާ ނުހިމެނޭ ޔުނިވަސާލް، 13 މެޝިން ސަޕްލައި ކުރުމަށް އެސްޓީއޯއާ ހަވާލުކުރީ 9.68 މިލިއަން ރުފިޔާ އަށެވެ.

ނިއޯނޭޓަލް ފީޗާ ހިމެނޭ ޔުނިވާސަލް އަށް މެޝިން ހޯދުމަށް އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ، ޔުނިޓެއް 783،000 ރުފިޔާގެ ރޭޓުން 6.26 މިލިއަން ރުފިޔާ އަށް ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ. އަދި ޓްރާންސްޕޯޓެބަލް ހަތަރު ވެންޓިލޭޓަރު ސަޕްލައި ކުރުމަށް ޔުނިޓެއް 322،216.25 ރުފިޔާގެ ރޭޓުން 1.28 މިލިއަން ރުފިޔާ އަށް އެސްޓީއޯ އަށް ޖެނުއަރީ މަހު 26 ވަނަ ދުވަހު ހަވާލު ކުރި ކަމަށް ވެސް ބުންޏެވެ.

އަދި ބުނީ އެ 25 ޔުނިޓް ވެންޓިލޭޓަރު ސަޕްލައި ކުރުމަށް އެސްޓީއޯއާ ހަވާލުކުރީ ކޮވިޑް 19 އާ ގުޅިގެން ގައުމުތައް ލޮކްޑައުން ކުރުމުގެ ވެސް ކުރިން ކަމަށެވެ.

comment ކޮމެންޓް