ބޯޑަރު ހުޅުވާނީ ރައްޔިތުންނަށްޓަކައި، ވިޔަފާރިވެރިއަކަށްޓަކައެއް ނޫން: އަލީ ވަހީދު

މާޗް 8، 2020: ކޮވިޑް 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާނީ ވިޔަފާރިވެރިއަކަށްޓަކައި ނޫން ކަމަށާއި، އެކަން ކުރާނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއޯއީސީގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ފަށާނޭ ފޭސްތަކާއި ކޮންމެ ފޭސްއެއްގައި ރާއްޖޭގެ ޓޫރިޒަމް ފޯކަސް ކުރާނެ ދާއިރާތައް އަދި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތައް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލީ، ޓޫރިޒަމް މިނިސްޓްރީއިން ރާއްޖެ ގެނައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބެސްޓް ކޭސް ސިނާރިއޯއެއްގައި ޖުލައި މަހު އަލުން ފަތުރުވެރިކަަން ފެށޭނެ ކަމަށާއި، މޮޑަރޭޓް ސިނާރިއޯއެއްގައި ފަތުރުވެރިކަން ފެށޭނީ އޮކްޓޫބަރުުގެ ފަހުން ކަމަށާއި، އެންމެ ގޯސް ހާލަތަށް ގޮސްފިނަމަ މި އަހަރު ފަތުރުވެރިކަަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަދި އިންޑަސްޓްރީގައި މިއަދުވެސް ބޯޑަރު ހުޅުވަން ބޭނުންވާ މީހުންނާއި، ބޯޑަރު ހުޅުވަން ބޭނުން ނުވާ މީހުން ތިބި ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންްގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ބަލި ކޮންޓްރޯލް ކުރުމަށްފަހު، ބޯޑަރު އަލުން ހުޅުވާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ރާއްޖެ ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ ޓޫރިޒަމްއަކީ އިގްތިސާދުގެ މޭވާ ކަމުގައި ވާތީ އެވެ. އަދި އެ ގަހުގައި އަޅާ މޭވާއިން ފައިދާ ކުރަނީ ރައްޔިތުންނަށް ކަމަށާއި އެ ސިނާއަތް ނުހިނގާ ނަމަ އޭގެ ގެއްލުން އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

"އެހެންވީމަ ބޯޑަރު ހުޅުވާލާ ދުވަހަކު ހުޅުވާލާނީ ވިޔަފާރިވެރިއަކަށްޓަކައެއް ނޫން. ބޯޑަރު ހުޅުވާލާނީ އާންމު ރައްޔިތުންނަށްޓަކާ. އާންމު ރައްޔިތުންްގެ ވަޒީފާތަކާ، އެމީހުންގެ އާންމު ދިރިއުޅުން، އިޖުތިމާއީ ގޮތުން ހުރި މައްސަލަތަކުގެ ހައްލަކީ ރާއްޖެގައި އަދި މިއަދު ފަތުރުވެރިކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާލުމުގެ އެއް މަސް ކުރިން، ހުރިހާ ރިސޯޓުތަކަށް ވެސް ތައްޔާރުވާން އެއް މަސް ދުވަހުގެ ނޯޓިސް ދޭނެ ކަމަށެވެ. އަދި އަލުން ބޯޑަރުތައް ހުޅުވާލާނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ބަލި ޖެހޭ މީހުންގެ އިތުރުން، އިގްތިސޯދީ ގޮތުން ވެސް މި ބަލި ޖެހެމުން އަންނަ މީހުން މަދު ނޫން ކަމަށެވެ. ބަލީގެ ސަބަބުން އިގްތިސޯދަށް އަރާފައިވާ ލޮޅުން އާންމު ރައްޔިތުންގެ ވަޒީފާތަކާއި މުސާރައަށް ކުރަމުން އަންނަ އިރު، ބަލީގެ އަސަރު ހުރިހާ އެންމެނަށް ވެސް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސޯދު ކިކްސްޓާޓް ނުކޮށް، ރާއްޖެ ކުރިއަށް ގެންދެން ނެތް ކަމަށާއި، ދުރަށް ވިސްނައިގެން ތައްޔާރު ނުވެވިއްޖެ ނަމަ، ބަލިވުމުގެ އިތުރުން އެތައް ބަޔަކު ހާލުގައި ޖެހިގެން ދާނެ ކަމަށެވެ.

ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ބޮޑުތަން އިތުރުވެ، މެއި މަހުގެ 31 ވަނަ ދުވަހު ބޮޑު ސާޖަކަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިވަގުތު ސަރުކާރުން ފޯކަސް ކުރަނީ ސާޖު ކޮންޓްރޯލް ކުރުމަށް ކަމަށާއި، އިގްތިސޯދު އަލުން ފެށުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކުރިއަށް އޮތް ދެތިން ހަފްތާ ކަންތައް ވާގޮތެއް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ޑޮލަރު ފޮއްޗެއްގެ ބޭނުމުގައެއް ރާއްޖޭގެ ބޯޑަރެއް އަޅުގަނޑުމެން ނުހުޅުވާނަން. ވިޔަފާރިއެއްގެ ބޭނުމުގައެއް ބޯޑަރެއް ނުހުޅުވާނަން. ބޯޑަރު ހުޅުވާނީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ އާންމު ދިރިއުޅުމަށްޓަކައި، އެދުވަސް އައީމަ އެންމެނަށް ވެސް އިހުސާސް ކުރެވޭނެ ހުޅުވާލަން ވީއޭ. އެދުވަސް އަންނަންދެން، އެ ދުވަސް ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ އެންމެން ވެސް ކުރަން ޖެހޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަންނަންވާނީ، މިއީ ދިވެހިންގެ ސިނާއަތަކަށް ބަދަލުކޮށްލައި، މި ސިނާއަތާ މެދު އުންމީދުކުރާ ކަންތައްތައް ފުރިހަމަ ކުރުމާ އެކުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ޓޫރިޒަމް ހުޅުވުމަކީ އުންމީދެއް ކަމަށެވެ. އަދި މޮޑަރޭޓް ހާލަތެއް އައިސްފި ނަމަ، ޓޫރިޒަމް ހުޅުވުމުގެ އަމާޒު އޮތީ އޮކްޓޯބަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ޓޫރިޒަމް ހުޅުވާނީ މި ބަލި ކޮންޓްރޯލް ކުރެވުމުން ކަމަށާއި 2-6 ހަފްތާއާ ދެމެދު ބަލި ކޮންޓްރޯލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް