ކޮވިޑާ ގުޅިގެން މަތީ ތައުލީމަށް ކުރިމަތިވާ ދަތިތައް ބައްލަވައިފި

އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި އިސްވެރީންނާ މަޝްވަރާކޮށް ހާލަތު ބައްލަވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމު ފޯރުކޮށްދިނުމާއި މަތީ ތައުލީމު ހާސިލުކުރާ ފަރާާތްތަކުގެ ކަންތައްތައް އިންޒާމުކޮށް އެކަންތައް ކުރިއަށްދާގޮތާއި ހުރި ގޮންޖެހުންތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައިފި އެވެ.

މަތީ ތައުލީމާ ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް ނައިބު ރައީސް ފައިސަލް ވަނީ މިއަދު އޮންލައިންކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި އެ ދާއިރާއާ ގުޅޭ އިސްބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވާފައިވެއެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ހަޔާ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންތައްތައް ބަލަހައްޓަވަމުންދާ ގޮތްތަކާއި އެދަރިވަރުންނަށް މި ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ އިތުރުން ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މަތީ ތައުލީމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ މީހުން ބިނާކުރުމަށް ކުރެވިދާނެ މަސައްކަތާ ގުޅޭ ޕްރޮގްރާމުގެ މަސައްކަތްތައް ކަމަށެވެ.

އަދި ހަމަ އެއާއެކު މިނިސްޓަރ ވަނީ މިހާރު ރާއްޖޭން ބޭރުގައި ޕްރައިވެޓްކޮށް އަދި ސަރުކާރުގެ ސްކޮލާޝިޕްގައި ކިޔަވަމުންދާ ކުދިންނަށް ދިމާވެދާނެ ފައިސާގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން ދާއިރާގެ އިސްވެރީން ވަނީ ކޮވިޑަށްފަހު މަތީ ތައުލީމު ކުރިއަށް ގެންދާނެގޮތުގެ ޕްލޭންތަކާ ބެހޭގޮތުން، ނައިބު ރައީސަށް މައުލޫމާތު ހިއްސާކުރައްވާފައެވެ.

comment ކޮމެންޓް