ކޮވިޑް19އާ ގުޅިގެން އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އާންމުކޮށްފި އެވެ.
މަސީއިން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި "ގައިޑްލައިން ޓު ކޮމްބެކްޓް ކޮވިޑް-19" ނެރެދެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ.
ޖަނާހު ވިދާޅުވީ މި ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި ނަމަވެސް މިއީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ.
"މަސައްކަތް ލަސްވާނެ، މަޝްރޫއުތައް ވެސް ލަސްވާނެ އެހެން ނަމަވެސް މި ނޫން ގޮތަކަށް މަސައްކަތް ކުރިއަށްގެންދާކަށް މަސީއިން ލަފާއެއް ނުދޭނެ. މިއީ ނިއު ނޯމަލް،" ޖަނާހު ވިދާޅުވި އެވެ.
ހަ ބަހަކުން (ދިވެހި، އިނިރޭސި، ނޭޕާލީ، ހިންދީ، ބެންގާލީ އަދި ސިންހަލީސް) ނެރުނު މި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުގެ މަސްއޫލިއްޔަތާއި ސައިޓުތަކުގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނެ ގޮތް ހިމެނެ އެވެ.
އެގޮތުން ސައިޓު ހުޅުވުމުގެ ކުރިންނާއި ސައިޓު ތެރޭގައި އަދި ސައިޓުން ބޭރުގައި ކުރަން ޖެހޭ ކަންތައްތައް ވަނީ ހިމަނާފަ އެވެ. އަދި ކޮންމެ ކުންފުންޏަކުން ވެސް އެމާޖެންސީ ރެސްޕޮންސް ޕްލޭނެއް (އީއާރުޕީ- ސީ19) ބާއްވަން ޖެހޭނެ ކަމަށް އެ ގައިޑްލައިންގައި އިރުޝާދު ދީފައިވެ އެވެ.
އެ ޕްލޭނުގައި ހިމަނަން ޖެހޭ ބައެއް ކަންތައްތަކަކީ؛
- މުވައްޒަފެއްގެ ފަރަތުން ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް
- މުވައްޒަފަކު ކޮވިޑް19ގެ ޕޭޝަންޓަކާ ކޮންޓެކްޓް ވެއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް
- އައިސޮލޭޓް/ ކަރަންޓީނު ކުރާ ޕްރޮސީޖާ
- ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ ކަންކަން
މީގެ އިތުރުން ކޮންމެ ސައިޓެއްގައި ވެސް "ނުފޫޒުން އެއްކިބާވެގެންވާ" ސައިޓް ސޭފްޓީ އެންޑް ހެލްތު ރެޕްރެޒެންޓޭޓިވްއެއް (އެސްއެސްއެޗްއާރު) ބެހެއްޓުމަށް ވެސް އެ ގައިޑްލައިންގައި ބުނެ އެވެ. މިހާރު ސައިޓް ސޭފްޓީ ސުޕަވައިޒަރުން ތިބޭއިރު، އެސްއެސްއެޗްއާރުގެ ޒިންމާތަކުގެ ތެރޭގައި އެޗްޕީއޭއަށް އަންގަންޖެހޭ ކަންކަން ލަސްކުރުމެއްނެތި އެންގުން ހިމެނެ އެވެ.
"ޓާގެޓަކީ މިއަށް އަހުލުވެރިކުރުވުން. އަންނަ ހަފުތާގައި އޮންލައިން ޓްރެއިނިން ސެޝަންއެއް ބާއްވާނަން އެއްފަހަރާ 100 މީހުންނަށް ބައިވެރިވެވޭ. ޓްރެއިންކޮށްފައި ރެންޑަމްކޮށް މަސީގެ މެމްބަރުން (384 ކުންފުނި) ޗެކް ކުރެވޭތޯ ބަލާނަން." ޖަނާހު ވިދާޅުވި އެވެ.