އިމާރާތް ކުރަން ހުއްދަ ދިނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރަން: މަބްރޫކް

މާރިޗް 20، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

މާލެ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް ހުއްދަ ދިނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ތަންތަނަށް އެކަނިކަމަށް ސަރުކާރުން ބުނެފި އެެވެ.

ކޮވިޑާ ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އާދައިގެ މަތިން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ގެންދަން ހުއްދަ ނުދޭ ކަމަށެވެ.

"އެކަމުގައި ކުރެވުނު މަޝްވަރާއަކީ އަދި އަމަލުކުރުމަށް އޭރު ނިމިފައި އޮތް ގޮތަކީ ބައެއް ކޮންސްޓްރަކްޝަން ސައިޓްތައް އެ ހުރި ހިސާބަށް ދޫކޮށްލައިފި ނަމަ އެ އިމާރާތްތަކާ އެ އިއިމާރާތާ ޖެހިގެން ހުރި ތަންތަނުގެ ބޮޑެތި ގެއްލުންތަކެއް ވެދާނެ ހާލަތުގައި ހުރި ކޮންސްޓްރަކްޝަން ސައިޓްތައް އެނޫން ހާލަަތަކަށް ގެންގޮސް ސަލާމަތީ ހާލަތަށް ގެންދިއުމަށް މަސައްކަތް ކުރުމަށ ހުއްދަ ދިނުމަށް،" މަބްރޫކް ވިދާޅުވި އެވެ.

ފައުންޑޭޝަނެއް އަޅަން ކޮނެފައި އޮންނަ ތަނެއް ފައުންޑޭޝަން ނާޅައިފި ނަމަ އެތަނުގެ ވެލިގަނޑު ދަމައިގަތުމުގެ މައްސަލަ ކުރިމަތިވެދާނެކަން އޭނާ ފާހަގަކުރެއްވި އެެވެ. ހާއްސަކޮށް ވިއްސާރަ މޫސުމުގައި ކައިރީގަިއ ހުންނަ އިމާރާތްތަކުގައި ރެނދުލާ ވެއްޓުމުގެ ހާލަތާވެސް ބައެއް ފަހަރު ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެ ކަހަލަ ތަންތަނުގައި މަސައްކަތް ކުރުމަށް ހުއްދަ ދެމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. ބައެއް ތަންތަނަށް ހުއްދަ ދިނަސް، ހުއްދައާ ނުލާ ބައެއް ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކޮށްގެން އެތަންތަން ހުއްޓުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މާލެ ލޮކްޑައުން ކުރީ މިދިޔަ މަހު 15 ވަނަ ދުވަހު އެވެ. ބަލި ފެތުރުން ހުއްޓުވުމަށް ލޮކްޑައުން ކުރިނަމަވެސް ބަލި ފެންނަމުންދާލެއް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާތަނަށް ކޮރޯނާ ޖެހިފައިވާ 790 މީހަކު ފެނިފައިވާއިރު ތިން މީހަކު ވަނީ މަރުވެފަ އެެވެ.

comment ކޮމެންޓް