ނުގެނެވިގެން އުޅުނު 18 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި

މިއަދު ރާއްޖެ ގެނައި އައިސީޔޫ ވެންޓިލޭޓަރު --- ފޮޓޯ: މުހައްމަދު ފިރާގު / ޓްވިޓާ

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ އިތުރު ވެންޓިލޭޓަރުތަކުގެ ތެރެއިން 18 އައިސީޔޫ ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

މެޑިޓެކް އާއި ހަވާލުކޮށްގެން ރާއްޖެ ގެނައި 18 ވެންޓިލޭޓަރުގެ އިތުރުން ސިއްހީ އިތުރު ސާމާނު ރާއްޖެ ގެނެސްފައިވަނީ ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއްގަ އެވެ.

މި 18 ވެންޓިލޭޓަރު ރާއްޖެ އަންނާނެކަމަށް ފުރަތަލަ ލަފާކޮށްފައި އޮތީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ކޮވިޑް-19 ރޯގާ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ވަގުތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް، ހާއްސަ ކަމެއްގެ ގޮތުގައި ކުރުމަށް ޕޮލިސީ ކޮމިޓީން ނިންމާފައި ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ.

އެގޮތުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ، ނާޑު ޕްރައިވެޓް ލިމިޓެޑްއާ އެވެ. ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް 14.4 މިލިއަން ރުފިޔާއަށް މެޑް ޓެކް ކުންފުންޏާ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ގެންނަނީ، ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިންނެވެ.

ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގައި ލަސްތަކެއް ދިމާވެފައި ވަނީ ދަތުރުފަތުރުގެ ކަންތައް ހުރިގޮތުންނާއި ލޮކްޑައުންގެ ސަބަބުން ސަޕްލައި ރޫޓުގައި މަސައްސަލަތައް ދިމާވެ، އެ ތަކެތި އުފައްދާ ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައި ވުމާއި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވުމުންނެވެ.

ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރިކަމަށް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮވިޑް19 ގެ ސަބަބުން ހާލު ގޯސްވެ މިހާރުވެސް ދެ މީހަކު ވެންޓިލޭޓަރުގައި އެބައޮތެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 790 އަށް އަރާއިރު 29 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ރާއްޖެިއން މިހާތަނަށް ބަލި ޖެހިގެން މަރުވީ ތިން މީހެކެވެ.

comment ކޮމެންޓް