އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން، އިވަންކާ ޓްރަމްޕުގެ ޕާޒަނަލް އެސިިސްޓަންޓް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އަކީ އޭނާގެ ސީނިއާ އެޑްވައިޒަރެވެ. އަދި އެމެރިކާގެ ބޮޑެތި ބިޒްނަސްތަކެއްގައި ހިއްސާ ވެސް އޮންނަ އިވަންކާ އަކީ ޓްރަމްޕާއި އެންމެ ގާތުން މަސައްކަތް ކުރައްވާ އެކަކެވެ. އެހެން ކަމުން އިވަންކާއަށް އެމެރިކާގެ ވައިޓްހައުސްއިން ދީފައި އޮންނަ ސެކުއިރިޓީއާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ވަކި ކުޑައެއް ނުވާނެ އެވެ.
އެކަމަކު އިވަންކާގެ ޕާސޮނަލް އެސިސްޓަންޓް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައިވާ އިރު މިކަމުގެ ސަބަބުން ވައިޓް ހައުސްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް އިވަންކާގެ އެސިސްޓަންޓް މިހާރު އޭނާއާ ދިމާ ނުވާތާ ދެތިން ހަފުތާ ވެފައިވާ ކަމަށާއި މަސައްކަތް ކުރަނީ ވެބް-ބޭސްކޮށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
މިކަމުގެ ސަބަބުން އިވަންކާއާއި އޭނަގެ ފިރިކަލުން ޖެއާޑް ކެޝްނާ މިހާރު ވަނީ ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. އަދި ހުކުރު ދުވަހު ކުރި ޓެސްޓްތައް ވަނީ ނެގެޓިވްވެފައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރިޔާސީ ގެކޮޅު ވައިޓް ހައުސްގައި މަސައްކަތް ކުރާ ދެ މީހަކަށް މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އެއީ ނައިބު ރައީސް މައިކް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ މިލާއާއި، ޓްރަމްޕުގެ ޕާސޮނަލް ވެލެޓް އެކެވެ.
ވުމާއެކު، ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބެއްގައި އުފައްދާ ދޫކުރި އެއްޗެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ގޮތަށް ކަންތައް ކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުން އެމަނިކުފާނަނަށް ކާމިޔާބުވާން ޗައިނާ އިން ނޭދޭތީ ކަމަށް ވެސް ވިދާޅުވި އެވެ. ޓްރަމްޕުގެ ތުހުމަތު ޗައިނާ އިން ދޮގު ކުރެ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 1.34 މިލިއަން މީހުން ޕޮޒިޓިވްވެ 79 ހާސް މީހުން މަރުވެފަ އެވެ.