އަވައްޓެރީންގެ ހައްގުތަކާމެދު ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަރަށް ޚާއްޞަ ދަރަޖައެއް ދެއްވަވާފައިވެއެވެ. ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެ އެއްކައުވަންތަކުރުމަށް އަމުރުކުރެއްވުމާއެކު، ހެޔޮކޮށް ހިތަންޖެހޭ ފަރާތްތަކެއް ބަޔާންކުރެއްވި ބަސްފުޅުގައި، ގާތުގައިވާ އަވައްޓެރިޔާއާއި ދުރުގައިވާ އަވައްޓެރިޔާ ހިމެނެއެވެ.[ނިސާ: 36] ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާމީހަކުނަމަ، އޭނާގެ އަވައްޓެރިޔާއަށް އުނދަގޫނުކުރުމަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވެއެވެ.[متفق عليه]
ދިވެހި ބަސްފޮތުގައިވާގޮތުން، އަވައްޓެރިންނަކީ ތިމާ އުޅޭ ގޭގެ ކައިރީގައި ވަށައިގެން ހުންނަ ގޭގޭގެ މީހުންނެވެ. ޝައްކެއްނެތްގޮތުގައި އެންމެ ޚާއްޞަ އަވައްޓެރިންނަށްވާނީ މިމާނައިގައި އެބުނާ މީހުންނެވެ. އެހެންނަމަވެސް އަވައްޓެރިންނޭ ބުނެވޭ ބަހުގެ މާނަ މިއަށްވުރެ މާފުޅާވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ވީމާ އެއީ ވަކި މިވެނި ސަރަހައްދެއްގައި ދިރިއުޅޭމީހުންނޭ ބުނުމުގެ ބަދަލުގައި، އެކަންވަނީ އެބައެއްގެ ޢުރުފު (custom) އަށް ދޫކޮށްލެވިފައެވެ.[ابن منظور، 1980، ص. 153] މިއުސޫލުން ބަލާއިރު އާދަކާދައިގެގޮތުން އެތަނެއްގައި އަވައްޓެރިންކަމުގައި ބަލާ މީހުންނަކީ އެއީ އަވައްޓެރިންނެވެ. އެއީ ތިމާގެ ގެޔާ ކައިރި ނުވަތަ ދުރުގައިވާ ބައެއްކަމަށްވިޔަސްމެއެވެ. މިސާލަކަށް ތިމާ މަސައްކަތްކުރާ ފިހާރަޔާ ކައިރީގައި ހުންނަ ފިހާރައިގައި މަސައްކަތްކުރާމީހުންނާއި، ތިމާގެ އޮފީހާ ކައިރީގައި ހުންނަ އޮފީހުގައި މަސައްކަތްކުރާ މީހުންނަކީވެސް އަވައްޓެރިންނެވެ.
އަވައްޓެރިންގެތެރޭގައި މުސްލިމުންނާއި، ޣައިރު މުސްލިމުންނާއި، އަޅުވެރިންނާއި، ފާސިޤުންނާއި، ރަޙުމަތްތެރިންނާއި، އަދާވާތްތެރިންނާއި، ދޭސީންނާއި، ބިދޭސީންނާއި، ތިމާއަށް ހެޔޮކޮށް ކަންތައްކޮށްދޭމީހުންނާއި އަދި އިހާނެތިކޮށް ކަންތައްކުރާމީހުންވެސް ހިމެނެއެވެ. އަވައްޓެރިޔާގެ ކިބައިގައި ހުރި ސިފައަކަށް ބެލުމެއްނެތި، މިކޮންމެ ފަރާތަކާމެދުގައިވެސް ހެޔޮކޮށް ކަންތައްކުރަންޖެހޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.[ابن حجر، 2000]
އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަށް ޤުރުއާނާއި ސުންނަތުގައި އަމުރުކުރައްވާފައިވާއިރުވެސް، އެއާ އިދިކޮޅަށް ކުރެވޭ ކިތަންމެކަމެއް އަހުރެމެންގެ މުޖުތަމައުން ފެންނަމުން ދެއެވެ. ބުރިބުރިއަށް ނަގާފައި ހުންނަ ބައެއް އިމާރާތްތަކުގައި ހިނގާ ކަންތައްތަކަށް ބަލައިލަމާހެއްޔެވެ. މަތީ ބުރީގައި ދިރިއުޅޭމީހުން ވަކި ގަޑިއެއް ބެލުމެއްނެތި ގޭތެރޭގައި ގަދަޔަށް ބޯޅަކުޅެ ގުންފައިޖަހައި ދުވެހަދާފާނެއެވެ. އާންމުކަމެއްގެގޮތުގައި ރޭގަނޑުގެ ދަންވަގުތުގައިވެސް ގޮނޑިމޭޒު ދެމުމާއި ފަރުނީޗަރު ރާވައި ރޫޅުންފަދަ ކަންތައްތައް ކޮށްފާނެއެވެ. ތިރީގައި އުޅޭމީހުންނަށް ވެދާނެ އުނދަގުލަކާމެދު އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތިއެވެ. ފެންބޭރުކުރަން އޮންނަ ހޮޅިޔަކާމެދު ސަމާލުކަމެއްނުދީ، އެހޮޅިން އަންނަ ފެން، ތިރީގައި ދިރިއުޅޭ މީހުންގެ ގެޔަށް ފައިބާގޮތަށް އޮވެދާނެއެވެ. ބެލްކަނިން ބޭރަށްވާގޮތަށް ގަސް ބަހައްޓައިގެން އެކަމުގެ ސަބަބުންވެސް، ތިރީގައި ދިރިއުޅޭމީހުންނަށް އެތައް އުނދަގުލެއްކޮށްފާނެއެވެ.
ނޫކަށި ޒުވާނަކު ސައިކަލެއްގައި އައިސް ޕާކުކުރަން ކައިރިކޮށްލިއިރު އެތަނުގައި ދެރަވަރެއްގެ ބައިސްކަލެއް އިނުމުން، މޫނުމައްޗަށް ރޫއަރުވައި، މިއީ އަދި ކޮންއެއްޗެއްހެއްޔޭ ކިޔާފައި އެއްފައިން ޖަހައި، ޖެހިގެން ހުރި ސައިކަލުގެ މައްޗަށް އެ ބައިސްކަލު ވައްޓާލުމަށްފަހު، އެތަނުން ޖާގަހަދައި އޭނާގެ ސައިކަލު ޕާކުކޮށްލާފައި ދިޔަ މަންޒަރު ދުށީމެވެ. ހަގީގަތުގައި އޭނާ އެވަނީ އޭނާގެ ދެއަވައްޓެރިންނަށް ގޯނާކޮށްފައެވެ. ތިމާގެ ސަވާރީ ޕާކުކުރާއިރު ކައިރީގައި ހުންނަ ހުރިހާ ސަވާރީތަކެއް އެއީ ތިމާގެ އަވައްޓެރިންގެ ތަކެއްޗެވެ. ޕާކުކުރުމުގައި އެމީހުންނަށްވެސް ނެތް ޚާއްޞަކަމެއް ވަކި ތިމާއަކަށްވެސް ނޯންނާނެއެވެ. ނިޒާމުގެ މައްސަލަޔަކާހުރެވިޔަސް ނުވަތަ މީހުންގެ އަޚުލާޤެއްނެތުމުންކަމަށްވިޔަސް، ދިމާވާ ދަތިކަން ޖެހޭނީ ހަމަ ތަޙަންމަލުކުރާށެވެ. ތިމާގެ މަންފާއަށްޓަކައި، ތިމާގެ އަވައްޓެރިޔާގެ ހައްގު ނައްތައިނުލެވޭނެއެވެ.
ކޯލާ ދަޅާއި ފެންފުޅި ބޯލާފައި، ބިސްކޯދު އުރަޔާއި ސިނގިރޭޓު ފޮށި ހުސްކޮށްލާފައި، ކުރިމަތީގައި ހުރި ސައިކަލުގެ ވަށިގަނޑަށް ވައްޓާލުމުން، ތިމާއަކީ މަގުމައްޗަށް ކުނިނާޅާ ޞާލިޙު މީހަކަށްވާނެކަމަށް ދެކޭ ޒުވާނުންވެސް ވަރަށް ގިނައެވެ. އެހެންނަމަވެސް މަގު މައްޗަށް ކުނިނާޅާންވެގެން، ކުނިތައް މި އަޅަނީ ތިމާގެ އަވައްޓެރިޔާ ނުހަނު ލޯބިން ގެންގުޅޭ އަގުބޮޑު ސައިކަލުގެ ވަށިގަނޑަށްކަމެއް އެފަދަ ޒުވާނާ ނުދަނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ ފަހެ، އޭނާގެ އަވައްޓެރިޔާއަށް މާތްކޮށްހިތާހުށިކަމެވެ."[رواه البخارى ومسلم]
އަވައްޓެރިޔާގެ ހައްގުތައް އަދާކޮށް އޭނާއަށް ކަމޭހިތުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން؛ އަތުން ނުވަތަ ދުލުންވިޔަސް އަވައްޓެރިޔާއަށް އެއްވެސް ކަހަލަ ގެއްލުމެއް ދީގެންނުވާނެއެވެ. ހަދީސްގައި އައިސްފައިވެއެވެ. "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ފަހެ، އޭނާގެ އަވައްޓެރިޔާއަށް ގޯނާނުކުރާހުށިކަމެވެ. (ނުވަތަ އޭނާއާމެދު އިހާނެތިކޮށް ކަންތައްނުކުރާހުށިކަމެވެ.)"[رواه البخارى ومسلم]
އެހެން ހަދީސެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ﷲ ގަންދީ ވިދާޅުވަމެވެ. އޭނާ އީމާނެއްނުވެއެވެ. ﷲ ގަންދީ ވިދާޅުވަމެވެ. އޭނާ އީމާނެއްނުވެއެވެ." މިފަދައިން ދެފަހަރު ހަދީސްކުރެއްވުމުން އެކަލޭގެފާނުގެ އަރިހުގައި ސުވާލުދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކާކުތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެމީހަކީ އޭނާގެ އެންމެހައި ކަންތައްތަކުން އޭނާގެ އަވައްޓެރިޔާއަށް އަމާންކަން ލިބިގެންނުވާމީހާއެވެ."[متفق عليه]
ހުރިހާގޮތަކުންވެސް ތިމާގެ އަވައްޓެރިޔާއާމެދު ރަނގަޅަށް ކަންތައްތައްކޮށްދޭންވާނެއެވެ. ހެޔޮކަމެއްގައި އަވައްޓެރިޔާ އެހީތެރިކަމަށް އެދެފިނަމަ ތިމާއަށްވީ އެންމެ ފުރިހަމަގޮތެއްގައި އޭނާއަށް އެހީތެރިވެދޭންވާނެއެވެ. އަވައްޓެރިޔާ ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތްކުރަންވާނެއެވެ. އަދި އޭނާއަށް ޝިފާދެއްވުންއެދި ދުޢާކޮށްދޭންވާނެއެވެ. އޭނާއަށް އުފަލެއް ލިބިއްޖެނަމަ އޭނާއަށް މަރުހަބާކިޔައި އޭނާގެ އެއުފަލުގައި ބައިވެރިވާންވާނެއެވެ. ހަމައެފަދައިން އޭނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ ތަޢުޒިޔާކިޔާ އޭނާގެ ހިތާމައިގާ ބައިވެރިވާންވާނެއެވެ. އަވައްޓެރިޔާއާ ބައްދަލުވުމުން އޭނާއަށް އެންމެ ފުރަތަމަ ސަލާމްކުރާމީހަކީ ތިމާކަމުގައިވާންވާނެއެވެ. އޭނާއާއި ވާހަކަދެއްކުމުގައްޔާއި އެހެނިހެންވެސް މުޢާމަލާތުތަކުގައި ރިވެތިގޮތް ބޭނުންކުރަންވާނެއެވެ. އޭނާ މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވެ، އޭނާގެ އަހުލުވެރީންނަށް ހިތްވަރާއި އެހީތެރިކަންދީ، އޭނާ މަރުވުމަށްފަހުވެސް، އޭނާ ދުނިޔޭގައިހުރިއިރު އޭނާގެ ދަރީން (ނުވަތަ އަހުލުވެރީން) ނާމެދު އޯގާތެރިވީފަދައިން އޯގާތެރިވާންވާނެއެވެ. ތަނަވަސް ހާލުގައްޔާއި ދަތި ހާލުގައިވެސް އަވައްޓެރިޔާއަށް އެހީތެރިވާންވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "ﷲ ގެ ހަޒުރަތުގައި އެންމެ ހެޔޮކަންބޮޑުވެގެންވާމީހުންނަކީ އޭނާގެ ސާހިބުމީހާއަށް އެންމެ ހެޔޮ (ރަނގަޅު) މީހާއެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮކަންބޮޑުވެގެންވާ އަވައްޓެރީންނަކީ އޭނާގެ އަވައްޓެރިޔާއަށް އެންމެ ހެޔޮ (ރަނގަޅު) މީހާއެވެ."[أخرجه الترمذي، 1944]
އަވައްޓެރިޔާއަށް އެހީތެރިވުމުގެތެރޭގައި، އޭނާއަށް ކުރެވޭ ކުށްތައް ފާހަގަކޮށްދީ އެކަންކަން ރަނގަޅުކޮށް އެކަންކަމުން ދުރުވުމަށް، ރިވެތިވެގެންވާގޮތުގައި އޭނާއަށް ނަސޭހަތްތެރިވެދިނުންހިމެނެއެވެ. އެހެންނަމަވެސް އެއްވެސް ހާލެއްގައި އަވައްޓެރިޔާގެ އަމިއްލަ ކަންތައްތަކާ ބެހި އޭނާގެ ފަތިފުށް ހޯދައި އެވާހަތައް މީސްތަކުންނަށް ހާމަކޮށް، މީސްތަކުންގެމެދުގައި އޭނާ ފަޟީޙަތްކޮށްގެންނުވާނެއެވެ.
ބަޔާންވެދިޔަ ހައްގުތަކާއި އަދަބުތަކަކީ އާންމުގޮތެއްގައި އެއްމުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކޮށްދޭންޖެހޭ ކަންތައްތަކެކެވެ. އެހެންނަމަވެސް މިހައްގުތަކާއި އަދަބުތަކަކީ އަވައްޓެރީންނަށްޓަކައި ޚާއްޞަ ކަންތައްތަކެއްކަމުގައި އިސްލާމްދީންވަނީ ކަނޑައަޅުއްވާފައެވެ. ވުމާއެކު ކޮންމެމީހަކުވެސް އޭނާގެ އަވައްޓެރިޔާއާމެދު ކަންތައްތައް ކުރެވޭގޮތާމެދު ވިސްނައި ގޯސްކޮށްކުރެވޭ ކަމެއްވާނަމަ ލަސްނުކޮށް ރަނގަޅުކޮށްލަންވާނެއެވެ.