ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސާ، އެ ބަލި ޖެހިފައިވާ ބައެއް މީހުން އެދުމަތިކޮށް ފަރުވާދޭން ފަށައިފި އެވެ.
އެންއޯއީސީއިން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ، ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފަސް މީހަކު ޓްރީޓޮޕް ހޮސްޕިޓަލްގައި މިހާރު އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެެވެ.
ސަލީމް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް، ކޮވިޑް މެޑިކަލް ފެސިލިޓީއަކަށް ހެދުމާ ގުޅޭގޮތުން އެ ހޮސްޕިޓަލް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދުގައި މިދިޔަ މަހުގެ 26 ގައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލު ކޮވިޑް-19 އަށް ހާއްސަ ފެސިލިޓީއަކަށް ބަދަލުކޮށް ފުރަތަމަ ޕޭޝަންޓަށް ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސެސް ޑރ. އަލީ ނަޒީމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސިއްހީ ހިދުމަތްދޭ ސެންޓަރަކުންވެސް ބަލި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެގޮތުން މިވަގުތު ޓްރީޓޮޕްގައި އެ ތިބި ޕޭޝަންޓުންނަކީ އައިޖީއެމްއެޗަށް ފުރަތަމަ ގެންގޮސް ޓެސްޓުކުރުމުން، ބައްޔަށް ޕޮޒިޓިވްވެފައި ތިބި ޕޭޝަންޓުން ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.
"މިހާރު ދެވައްތަރެއްގެ ފަރުވާއެއް މިއުޅެނީ. ކޮމިއުނިޓީ ބޭސްޑް ފަރުވާއެއް. އެއަށް ބޮޑަށް މި ގެންދަނީ ފަކޮޅުފުށި ނުވަތަ އެޗްއައިއެޗް ކަހަލަ ފެސިލިޓީސްތަކަށް. ބައެއް މީހުންނަށް މި ބޭނުންވަނީ ތަންކޮޅެއް އެޑްވާންސް ފަރުވާ. މިސާލަކަށް އޮކްސިޖަން ތެރަޕީ ކަހަލަ ހިދުމަތްތައް. އެފަދަ ފަރާތްތަކުން މިހާރު އަޅުގަނޑުމެން މި ޓްރާންސްފާ ކުރަނީ ޓްރީ ޓޮޕް ހޮސްޕިޓަލްއަށް،" އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް އަށް ބަދަލުކޮށްފައިވާ ފަސް ޕޭޝަންޓުންނަކީ ހާލަތަށް ރިއާޔަތްކޮށް ބަދަލުކޮށްފައިވާ ފަރާތްތައް ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.