މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު 96 އަކަށް އަރައިފި

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 96 އަކަށް އަރައިފި އެވެ. މިއާއެކު ރާއްޖެއިން ފެނުނު ކޭސްތަކުގެ ޖުމްލަ ވަނީ 744 އަށް އަރައިފައެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ މިރޭގެ 11:00 އާއި ހަމައަށް ރާއްޖެއިން އިތުރު 10 ކޭހެއް ފެނިފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ހަތަރު ދިވެހިން ކަމަށެވެ.

މި 10 ކޭހާއެކު މިއަދު ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 96 އަށް އަރައިފައެވެ. މިއަދު ހަވީރު ރާއްޖެއިން ވަނީ 86 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ރާއްޖޭގައި މިހާތަނަށް ތިން މީހަކު މި ބަލީގައި މަރުވެފައިވާއިރު 20 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް ކޭސްތަކުގެ އަދަދު 744 އަށް އެރިއިރު އޭގެ ތެރޭ ހިމެނެނީ 234 ދިވެހިންނާއި 508 ބިދޭސިންނެވެ.

އެޗްޕީއޭ އިން ރޭ ހާމަކުރި ގޮތުގައި ކުރިއަށް މި އޮތް ދެ ހަފްތާއަކީ ރާއްޖޭގައި ކޮރޯނާވައިރަހުގެ އެންމެ ބޮޑު ސާޖެއް އަންނާނެ ދެ ހަފްތާ އެވެ. އެގޮތުން، މި މަހުގެ 31 ވަނަ ދުވަހު، ބަލިޖެހިފައިވާ 1،600 މީހުން ފެނުން ގާތް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިހާތަނަށް ހަދާފައިވާ ދިރާސާ ތަކުން ދައްކާ ގޮތުން ރާއްޖެއިން 77،305 މީހުންނަށް ވައިރަސް ޖެހި، އެޑްމިޓްކުރެވޭނެ މީހުންގެ ގެ އަދަދު 13،568 އަށް އަރާނެ އެވެ. އަދި އައިސީޔޫގައި 5805 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

comment ކޮމެންޓް