ކާބޯތަކެތި ލިބުން ދަތި، އަގުތައް ބޮޑު: ދިރާސާ

މާޗް 22، 2020: މާލޭ މާރުކޭޓު ސަރަހައްދުގައި މޭވާ އާއި ތަރުކާރީ ވިއްކާ ގާޑިޔާތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން އާންމު ހާލަތަށް އައި ބަދަލުތަކާއެކު ކާބޯތަކެތި ލިބުން ދަތިވެ، އަގުތައް އުފުލިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް19އާ ގުޅިގެން އާންމުންގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އެޗްއާރުސީއެމުން ކުރި މަސައްކަތުން 30 އޭޕްރީލް ވަނަ ދުވަހާ ހަމައަށް އެއްކުރި މައުލޫމާތުތަކަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓު އެ ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުން (53 ޕަސެންޓު) އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލު އައި މީހުން (42 ޕަސެންޓު)ގެ ތެރެއިން 88 ޕަސެންޓު މީހުންނަށް ކާބޯތަކެތި ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ރާއްޖޭގެ ހަ ރަށެއްގެ ކައުންސިލުން ރަށުގައި ބޭނުންވާ ވަރަށް ކާބޯތަކެތި ނެތް ކަމަށް ފާހަގަކުރިއިރު، ދިރާސާގެ ބައިވެރިންގެ ތެރެއިން 26 ޕަސެންޓު މީހުން ބުނީ މިވަގުތު ބޭނުންވާ މިންވަރަށް ގޭގައި ވެސް ކާބޯތަކެތި ނެތް ކަމަށެވެ.

ދެބައިކުޅަ އެއްބައި ކައުންސިލްތަކުން ބުނީ އެއް މަސް ދުވަހަށް ވާވަރަށް ވެސް ރަށުގައި ކާބޯތަކެތި ނެތް ކަމަށެވެ. އަދި މި ހާލަތުގައި ކާބޯތަކެތި ލިބުން ދަތިކަމަށް ތިން ކައުންސިލަކުން ފާހަގަކުރި އެވެ.

މާލެ ސަރަހައްދުން ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 49 ޕަސެންޓު މީހުންނަށް ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރިއިރު، އަތޮޅުތަކުގައި އެ ނިސްބަތް ހުރީ 38 ޕަސެންޓުގަ އެވެ.

ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށް ސަރުކާރުން މީގެ ކުރިން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ލިބުމުގައި އެންމެ ބޮޑަށް ދަތިވާ ބާވަތްތަކުގެ ތެރޭގައި މޭވާއާއި ތަރުކާރީއާއެކު ކާޑުގެ ބާވަތްތައް ވެސް ހިމެނެ އެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މައުލޫމާތު ހިއްސާކުރި މީހުންގެ 50 ޕަސެންޓު މީހުންނާއި ފަސް ކައުންސިލަކުން ފާހަގަކުރެ އެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނީ ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށް ކޮމިޝަނާ މައުލޫމާތު ހިއްސާކުރި މީހުންގެ ތެރެއިން 84 ޕަސެންޓު މީހުން ގަބޫލުކުރެ އެވެ. އޭގެ ތެރެއިން 58 ޕަސެންޓު މީހުން ބުނީ ދައުލަތުން ކާބޯތަކެއްޗަށް ކަނޑައަޅާފައިވާ އަގުތަކަށްވުރެ މައްޗަށް އަގުތައް އުފުލިފައިވާ ކަމަށެވެ.

ބޯފެނުގެ ބަޔަށް ބަލާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ 91 ޕަސެންޓު މީހުން އަދި އަތޮޅުތަކުގައި ދިރިއުޅޭ 87 ޕަސެންޓު މީހުންނަށް ފެން ލިބޭ ކަމަށް ބުނެ އެވެ. ގިނަ ރަށްރަށުގައި ބޯފެން ރައްކާކުރެވިފައި ހުރި ކަމަށް ބުނިއިރު ނުވަ ރަށެއްގައި ފެން ރައްކާކުރެވިފައި ނުވާ ކަމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބުނެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ 62 ޕަސެންޓުގެ މީހުން ބުއިމަށް ބޭނުންކުރަނީ ފިހާރަތަކުން ވިއްކާ ފެން ކަމަށް ބުނާއިރު، އޭގެ ތެރެއިން 18 ޕަސެންޓު މީހުން ބުނަނީ ފިހާރަތަކުން ވިއްކާ ފެނުގެ އަގު ބޮޑުވެފައިވާ ކަމަށެވެ.

އަތޮޅުތަކުގައި ދިރިއުޅޭ 58 ޕަސެންޓު މީހުން ބުއިމަށް ބޭނުންކުރަނީ ވާރޭ ފެނެވެ. އަދި ފިހާރަތަކުގައި ވިއްކާ ފެން ބޭނުންކުރަނީ 25 ޕަސެންޓު މީހުންނެވެ. ސަޕްލައި ފެން ބޭނުންކުރަނީ 12 ޕަސެންޓު މީހުންނެވެ.

ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން ރައްޔިތުންގެ އަސާސީ ކަންކަން ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން މައުލޫމާތު އެއްކުރަން އެޗްއާރުސީއެމްއިން ސުވާލު ކަރުދާސްތަކެއް އެކުލަވާލައި މާލެއާއި އަތޮޅުތަކުގައި އުޅޭ ރައްޔިތުންނާއި ކައުންސިލްތަކަށް ގޫގްލް ފޯމެއް ދައުރުކުރަން ފެށީ އޭޕްރީލް 26ވަނަ ދުވަހުގަ އެވެ.

އޭޕްރީލް 30ގެ ނިޔަލަށް 1091 މީހުންނާއި 33 ކައުންސިލަކުން އެ ފޯމު ފުރުމަށްފަހު ފޮނުވާފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުނެ އެވެ.

comment ކޮމެންޓް