ރިލީފް ލޯނުގެ ގޮތުގައި 70 މިލިއަން ރުފިޔާ ދޫކުރެވިއްޖެ

މިނިސްޓަރު ފައްޔާޒު --

ކޮވިޑް19އާ ގުޅިގެން ވިޔަފާރިތައް ސަލާމަތް ކުރުމަށް ސަރުކާރުން ތައާރަފް ކުރި ރިލީފް ލޯނުން މިހާތަނަށް 70 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެސްއެމްއީ ބޭންކުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1167 ލޯނު އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކުން ހުށަހަޅާފައިވާ 764 އެޕްލިކޭޝަނާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ 403 އެޕްލިކޭޝަން އެވެ.

"އޭގެ ތެރެއިން މިއަދާ ހަމައަށް ފައިސާ ޑިސްބާސް ކުރެވުނީ 38 ލޯނަށް. އަދި އެޕްރޫވް ކުރެވިފައި އޮތީ 263 އެޕްލިކޭޝަން. 57 ލޯނު އެޕްލިކޭޝަން ވަނީ ރިޖެކްޓ"ކުރެވިފައި. މިހާތަނަށް ޕްރޮސެސް ކުރެވިފައިވަނީ 25 ޕަސެންޓް އެޕްލިކޭޝަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލޮކްޑައުން އަށް ދިޔުމާ ގުޅިގެެން ލޯނުތައް ޕްރޮސެސް ކުރުން ލަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގައި އުޅޭ ބައެއް މުވައްޒަފުން އައިސޮލޭޝަނަށް ދިޔުމުގެ ސަބަބުންވެސް ލޯނު ޕްރޮސެސް ކުރުމުގައި ލަސްތަކެއް އައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭ ލޯނުގެ 90 ޕަސެންޓް އެޕްލިކޭޝަން ޕްރޮސެސް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާ އެވެ.

ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 20 ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް މަހެއްގެ މައްޗަށް ޖެހޭ އަދަދުގެ ތިން ގުނަ ލޯނުގެ ގޮތުގައި ދޫކުރާނެ އެވެ.

މި ލޯނުގެ ޝަތުރުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އާމްދަނީ 10 މިލިއަނަށްވުރެ އިތުރު ނުވުމާއި މިހާރު ދިމާވެެފައިވާ ހާލަތާ ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގައިވެސް އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރުން ހިމެނެ އެވެ.

އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ނިންމާފައިވަނީ 18،000 ރުފިޔާއެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ވޭތުވެދިޔަ 12 މަސް ހުގެ ތެރެއިން ހަ މަސްދުވަހު މަސައްކަތްކޮށް އާމްދަނީ އެއް ލިބިފައިވާނަމަ އެވެ.

comment ކޮމެންޓް