ސޯމާލިއާއަށް އެހީ ހިފައިގެން ދިޔަ ކެންޔާގެ މަތިންދާބޯޓު ވެއްޓުނުގޮތް ބަލަނީ

ސޯމާލިއާއަށް އެހީ ހިފައިގެން ދިޔަ މަތިންދާބޯޓު ވެއްޓިފައި--

ސޯމާލިއާއަށް އެހީ ހިފައިގެން ދިޔަ ކެންޔާގެ މަތިންދާބޯޓު ވެއްޓުނުގޮތް ބަލަން ފަށައިފި އެވެ.

ސޯމާލިއާއަށް ގެންދިޔައީ ކޮރޯނާއާ ގުޅޭ މެޑިކަލް ސާމާނުތަކެކެވެ. މިދިޔަ ހޯމަ ދުވަހު އެ ބޯޓު ވެއްޓުނީ ސޯމާލިއާގެ ބަރަދެލޭ ސިޓީއަށެެވެ.

ސޯމާލިއާގެ ފުލުހުން ބުނީ އެ ބޯޓު ވެއްޓުނީ ބޯޓު ޖައްސަން ވަރަށް ބޮޑަށް ކުޑަތަންވެފައި ހުއްޓާ ކަމަށެވެ.

އެ ހާދިސާގައި ބޯޓުގައި ތިބި ހަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ކެންޔާގެ ދެ މީހުންނާއި ސޯމާލިއާގެ ހަތަރު މީހުން ހިމެނެއެވެ.

ސޯމާލިއާއިން ބުނީ އެ ބޯޓު ވެއްޓެން ދިމާވި ސަބަބު ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެ ބޯޓަށް ހަމަލާދީ ވައްޓާލިކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ސޯމާލިއާގެ ކުރީގެ ޑިފެންސް މިނިސްޓަރު އަބްދުއްރަޝީދު އަބްދުﷲ މުހައްމަދު "ރޮއިޓާސް" އަށް ވިދާޅުވީ ބޯޓު ވެއްޓުނީ ކޮންމެވެސް ބަޔަކު ދިން ހަމަލާއަކުން ކަމަށް މަންޒަރުދުށް މީހާކު އޭނާއަށް މައުލޫމާތު ދީފައިވާ ކަަމަށެވެ.

ބޯޓު ވެއްޓުނު އަވަށް ކައިރި ސޯމާލިއާގެ ހަނގުރާމަވެރި ގްރޫޕް އަލް ޝަބާބް ހަރަކާތްތެރިވި ނަމަވެސް ބޯޓު ވެއްޓުނު އަވަށުގެ ކޮންޓްރޯލް އޮންނަނީ ސޯމާލިއާގެ ސިފައިންނާއި އިތިއޯޕިއާ ސިފައިންގެ އަތުގައެވެ.

އެފްރިކަން އެކްސްޕްރެސް އެއާވޭސްއިން މިހާރު ވަނީ ބޯޓު ވެއްޓުނު ސަރަހައްދަށް އިންވެސްޓިގޭޝަން ޓީމެއްވެސް ފޮނުވައިފައެވެ.

comment ކޮމެންޓް