ފުޓުބޯޅަ ދޫކޮށް ޕޭޖް ވިލިއަމްސް ފަޔާފައިޓަރަކަށް

އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޕެއިޖް ވިލިއަމްސް ---

އިނގިރޭސިވިލާތުގެ ޒުވާން ލެފްޓް ވިންގް ޕެއިޖް ވިލިއަމްސް އޭނާގެ ފުޓުބޯޅަ ހަޔާތް ނިމުމަކަށް ގެނެސް މާސީސައިޑްގެ ފަޔާ އެންޑް ރެސްކިއު ޓީމާއި ގުޅިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ވިލިއަމްސް އަކީ އިނގިރޭސި ވިލާތުގައި މިވަގުތު އެންމެ އުންމީދީ އެއް ޑިފެންޑަރެވެ. އިޓަލީގެ ބްރެޝިއާ އެއްކޮށް 2015-2016 ވަނަ ސީޒަނުގައި އިޓާލިއަން ލީގުގެ ތަށި ހޯދައި އިތުރު ދެ އެފްއޭ ކަޕުގެ ރިހި މެޑަލް އިނގިރޭސި ކުލަބުތަކާ އެކު ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކުރި ވިލިއަމްސް އޭނަގެ ފުޓުބޯޅަ ހަޔާތް ކުރުކޮށްލީ މުޅިން އައު ޗެލެންޖަކަށެވެ.

ގައުމީ ޓީމަށް ވެސް މެޗުތަކެއް ކުޅެދިން ވިލިއަމްސް މިދިޔަ ސީޒަނުގައި ކުޅުނީ ބްރިމިންހަމް ސިޓީއަށެވެ. އެ ކުލަބުން ލީގުގެ ހަތަރުވަނަ ހޯދި އިރު ވިލިއަމްސްގެ ކުޅުން ފެނި ގިނަ ކުލަބުތަކަކުން އައީ އޭނާއަށް ލޯ އަޅަމުންނެވެ. އެގޮތުން އަންހެން ފުޓުބޯޅަ ޓީމެއް އުފައްދާ ސްޕެއިނުގެ ފުރަތަމަ ޑިވިޝަނުން ދާދި ފަހުން ޖާގަ ހޯދި ރެއާލް މެޑްރިޑުން ވެސް އައީ އޭނާއަށް ފާރަލަމުންނެވެ.

އެކަމަކު ހިތް ބޭނުންވި ގޮތަށް ވިލިއަމްސް ވަނީ ފުޓުބޯޅަ ހަޔާތް ނިމުމަކަށް ގެނެސްފަ އެވެ.

"ފުޓުބޯޅަ މެޗެއްގައި ހެދޭ އެންމެ ގޯހެއްގެ ސަބަބުން ގޯލެއް ވަދެދާނެ. އެކަމަކު އަހަރެންގެ މިހާރުގެ ޓީމުން ހެދޭ އެންމެ ގޯހެއްގެ ސަބުބުން ގެއްލިގެންދާނީ ފުރާނައެއް. މިއީ ވަރަށް ފަރުވާތެރިކަމާ އެކު ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ފަދަ ހާލަތެއް މެދުވެރި ވެދާނެ ކަމަށް ވެސް ވިސްނައިގެން އަދާ ކުރަން ޖެހޭނެ ވަޒީފާއެއް،" ވިލިއަމްސް ބުންޏެވެ.

ވިލިއަމްސް ބުނި ގޮތުގައި ފުޓުބޯޅަ އަކީ އޭނާ އަބަދުވެސް އެންމެ ކުރާހިތްވި ކަމެވެ. އެކަމަކު އެކަމުން ބޭނުންވާ އާއްމުދަނީއެއް ނުލިބޭ ކަމަށާއި ފުޓުބޯޅައިގެ އިތުރުން ދެން އޭނާއަށް އިތުރަށް ކުރެވިދާނެ ކަންކަމާ މެދު ވިސްނާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވިލިއަމްސް ބުންޏެވެ.

އޭނާ ބުނީ އަލިފާން ނިއްވާ ޓީމާ ގުޅުމުގެ ހިޔާލު ދިނީ އޭނަގެ މަންމަ ކަމަށެވެ. އެހެން ކަމުން އެކަމަށް އިޖާބަދީ މުޅިން އައު ޗެލެންޖަކާ ކުރިމަތިލީ ކަމަށް ވިލިއަމްސް ބުންޏެވެ.

ވިލިއަމްސް ވަނީ 2013 ވަނަ އަހަރު އިނގިރޭސިވިލާތުގެ 19 އަހަރުން ދަށުގެ ްއަންހެން ޓީމުން ޔޫރޯގެ ފައިނަލަށް ދަތުރު ކުރި އިރު ކުޅެފަ އެވެ. އަދި އެއަށްފަހު ސީނިއާ ގައުމީ ޓީމަށް ވެސް މުހިއްމު މެޗުތަކެއް ވަނީ ކުޅެދީފަ އެވެ.

comment ކޮމެންޓް