ވެނަޒުއޭލާގެ ވެރިކަން ވައްޓާލަން އުޅުނު އެމެރިކާ ބަޔަކު ހައްޔަރުކޮށްފި

ވެނަޒުއޭލާގެ ރައީސް އެގައުމުގައި ބަޣާވާތް ކުރަން އުޅުނު ބަޔެއްގެ ތެރޭގައި އެމެރިކާގެ ދެ މީހަކު ހިމެނޭ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ކަރާކަސް (މެއި 5): ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރު ވައްޓާލަން އުޅުމުގައި ބައިވެރިވި އެމެރިކާގެ ދެ މީހަކު ހައްޔަރުކޮށްފި ކަމަށް އެގައުމުން ބުނެފި އެވެ.

ވެނަޒުއޭލާގެ ސަރުކާރުން ބުނި ގޮތުގައި އެގައުމުގައި "ބަޣާވާތް ކުރަން އުޅުނު ޓެރަރިސްޓު ކުލީ ސިފައިން" ހިމެނޭ ގުރޫޕަކުން ކަނޑުމަގުން އެގައުމަށް އަރަން ދަތުރު ފެށީ އަވަށްޓެރި ކޮލޮމްބިއާއިންނެވެ. އަދި އާދިއްތަ ދުވަހު އެމީހުން އެގައުމުގެ ރަށަކަށް ފޭބި ނަމަވެސް ވެނަޒުއޭލާގެ ސިފައިން ވަނީ އެމީހުން ހައްޔަރުކޮށްފަ އެވެ. އަދި އެ ހާދިސާގައި ހަމަލާ ބަދަލުކޮށް، ހަތިޔާރު އަޅައިގެން ތިބި އަށް މީހަކު ވަނީ މަރުވެފަ އެވެ.

ރައީސް މަޑޫރޯ އިއްޔެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވި ގޮތުގައި އެ ހާދިސާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމެރިކާގެ ދެ މީހަކު ހިމެނެ އެވެ. އަދި މަޑޫރޯ ވަނީ އެ ދެ މީހުންގެ އެމެރިކާގެ ޕާސްޕޯޓާއި އެގައުމުގެ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ސިލްވާކޯޕްގައި އެމީހުން މަސައްކަތް ކުރާކަން ދައްކުވައިދޭ އައިޑީތަކެއް ދައްކާލައްވާފަ އެވެ.

މީގެ އިތުރުން ވެނަޒުއޭލާގެ ސަރުކާރުން ވަނީ އެ ގުރޫޕުން ބޭނުން ކުރި ކަމަށް ބުނާ މަސް ބޯޓުތަކާއި ވޯކީ ޓޯކީ އާއި ނައިޓް-ވިޝަން އައިނުތަކާއި ބަޑިތަކުގެ ފޮޓޯތައްވެސް އާއްމުކޮށްފަ އެވެ. މަޑޫރޯ ވިދާޅުވި ގޮތުގައި އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި ކޮލޮމްބިއާ އެވެ.

"މި ނާކާމިޔާބުކޮށްފައިވާ ރޭވުމުގައި އެމެރިކާ ސަރުކާރުން ބައިވެރިވެފައިވޭ،" މަޑޫރޯ ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން މިއަދު ރައީސް ޓްރަމްޕް ވަނީ އެ ހާދިސާއާ އެމެރިކާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮލޮމްބިއާއިން ވަނީ އެއީ ވެނަޒުއޭލާ މިހާރު އޮތް ހާލަތުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ސަރުކާރުން ކުރާ ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.

ވެނަޒުއޭލާގެ އެޓާނީ ޖެނެރަލް ތާރިކް ވިލިއަމް ސާބް ވަނީ އެ 'ބަޣާވާތާ' ގުޅިގެން 114 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު 92 މީހަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ވެނަޒުއޭލާއިން ހައްޔަރު ކުރި އެމެރިކާގެ ދެ މީހުން މަސައްކަތް ކުރާ ކަމަށް ބުނާ ސިލްވާކޯޕް ކުންފުނީގެ ސީއީއޯ ޖޯޑަން ގޯޑްރޯ ވަނީ އޭނާ ދިޔައީ ވެނަޒުއޭލާ "މިނިވަން ކުރުމަށް" އެ ދެ މީހުންނާ އެކު މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ. އަދި އެ ދެ މީހުންނަކީ އެމެރިކާ ސިފައިންގެ ސްޕެޝަލް ފޯސެސްގެ ކުރީގެ މެމްބަރުން ކަމަށް ބުނެފަ އެވެ.

ގޯޑްރޯ ވަނީ މަޑޫރޯގެ ވެރިކަން ވައްޓާލުމަށް "އޮޕަރޭޝަން ގިޑިއަން"ގެ ނަން ދީފައިވާ އެ މަސައްކަތް އޭނާ ފެށީ ވެނަޒުއޭލާގެ އިދިކޮޅު ލީޑަރު ހުއަން ގުއައިޑޯއާ އެކު ހެދި އެއްބަސްވުމަކަށް ފަހު ކަމަށް ބުނެފަ އެވެ. ނަމަވެސް ގުއައިޑޯ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ގުއައިޑޯ ވަނީ 2018 ވަނަ އަހަރު ވެނަޒުއޭލާގައި ބޭއްވި ރިޔާސީ އިންތިހާބު މަޑޫރޯ ކާމިޔާބު ކުރެއްވީ ނަތީޖާ އޮޅުވާލައިގެން ކަމަށް ވިދާޅުވެ، އެގައުމުގެ އަސްލު ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި އޭނާއަކީ ރައީސް ކަމަށް ބަލައިގަތް ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ކޮލޮމްބިއާ ހިމެނެ އެވެ.

އޭގެ ސަބަބުން ވެނަޒުއޭލާ އާއި އެމެރިކާގެ ގުޅުން ގޯސްވެ މިދިޔަ އަހަރު ދެ ގައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފަ އެވެ. އަދި އެމެރިކާއިން ވަނީ މަޑޫރޯގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާކޮށް، އޭނާގެ ހައްޔަރަށް 15 މިލިއަން ޑޮލަރުގެ އިނާޔަތެއް ހުށަހަޅާފަ އެވެ.

މަޑޫރޯގެ ވެރިކަމުގައި ވެނަޒުއޭލާގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ފެނާއި ކަރަންޓާއި ސިއްހީ ހިދުމަތުގެ ފެންވަރު ވަނީ ދަށްވެފަ އެވެ. އަދި ބޭހާއި ކާބޯތަކެތި ލިބުމަށް ދަތިވުމުގެ ސަބަބުން އޭނާގެ ވެރިކަމުގައި ގާތްގަނޑަކަށް ފަސް މިލިއަން މީހުން ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފަ އެވެ.

comment ކޮމެންޓް