ވެނަޒުއޭލާގައި ޖަލެއްގައި ހިންގި ހަމަނުޖެހުންތަކުގައި 46 މީހަކު މަރުވެއްޖެ

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ވެނަޒުއޭލާގައި ޖަލުތަކަކީ ތޮއްޖެހިފައިވާ، ހަމަނުޖެހުންތައް ގިނަ ޖަލުތައް -- ފޮޓޯ: ރޮއިޓާސް

ކަރާކަސް (މެއި 3): ވެނަޒުއޭލާގެ ހުޅަނގުގައި އޮންނަ ޕޯޗުގީސާ ސްޓޭޓުގެ ޖަލެއްގައި ގައިދީން ހިންގި ހަމަނުޖެހުންތަކުގައި 46 މީހަކު މަރުވެ، 60 މީހަކަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ އޮބްޒަވޭޓަރީ އޮފް ޕްރިޒަންސްއިން ބުނެފި އެވެ.

ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ އޮބްޒަވޭޓަރީ އޮފް ޕްރިޒަންސްއިން ބުނި ގޮތުގައި ލޮސް ލާނޯސް ޕެނިޓެންޝަރީގައި ހުކުރު ދުވަހު ހިނގި އެ ހާދިސާއަށް ފަހު 46 މީހެއްގެ ހަށިގަނޑު ވަނީ ހޯދިފަ އެވެ.

ވެނަޒުއޭލާގެ ޕްރިޒަންސް މިނިސްޓަރު އައިރިސް ވަރޭލާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ ގައިދީއަކު ފިލަން އުޅުމުގެ ތެރޭގަ އެވެ. އަދި ހަމަނުޖެހުމުގައި ޖަލުގެ ޑިރެކްޓަރުގެ ގަޔަށް ވަޒަނެއް އަރާ، އޭނާ ވަނީ ޒަހަމްވެފަ އެވެ. އެހާދިސާގައި މަރުވި މީހުންގެ އަދަދެއް އެކަމަނާ ވިދާޅުނުވެ އެވެ.

ނަމަވެސް އެގައުމުގެ ސަރުކާރާ އިދިކޮޅު މަޖިލިސް މެމްބަރެއް ކަމަށްވާ މާރިއާ މާޓިނޭޒް ވިދާޅުވި ގޮތުގައި އެ ހަމަނުޖެހުން ހިނގީ، ގައިދީންގެ އާއިލާގެ މެމްބަރުންނަށް ޖަލަށް ޒިޔާރަތް ނުކުރެވޭނެ ކަމަށް ސަރުކާރުން ކަނޑައެޅުމުންނެވެ. އަދި ގައިދީންނަށް ކާބޯތަކެތި ފޯރުކޮށްދޭނެ ޕްރޮގްރާމެއް ދައުލަތުން ކަނޑަައަޅާފައި ނުވުމުން އެ ގައިދީން ބަރޯސާ ވަނީ އެމީހުންގެ އާއިލާއިން ގެންނަ ކާބޯތަކެއްޗަށް ކަމަށްވާތީ އެވެ.

ވެނަޒުއޭލާގެ ސަރުކާރުން އެ ފިޔަވަޅު އެޅީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

އދ.އިން ވަނީ އެ ޖަލުގައި ހިނގި ހާދިސާ ތަހުގީގު ކުރަން ގޮވާލާފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ވެނަޒުއޭލާގެ ޖަލުތަކުގައި ތޮއްޖެހި، ހަމަނުޖެހުންތައް ގިނަ ކަމަށާއި ބައެއް ޖަލުތައް ކޮންޓްރޯލް ކުރަނީ މަސްތުވާތަކެއްޗާއި ހަތިޔާރު ޓްރެފިކް ކުރާ ގޭންގުތަކުން ކަމަށް ބުނެފަ އެވެ.

ދުނިޔޭގައި މި ބަލިމަޑުކަން ފެތުރުމުގެ ކުރިން ވެސް އިގުތިސާދު އިނދަޖެހި، ކާނާ އާއި ބޭސް ފަދަ އަސާސީ ތަކެތި ލިބުން ދަތިވެފައިވާ ވެނަޒުއޭލާގައި މިހާތަނަށް 345 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 10 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް