ގިނަ ބިދޭސީންނަށް ކޮވިޑް-19 ޖެހުނީ ދިރިއުޅުމުގެ ހާލަތާ ހުރެ: ރެޑް ކްރެސެންޓް

ބިދޭސީން ދިރިއުޅޭ ތަނެއް: ގިނަ ބިދޭސީންނަށް އެ ބަލި ޖެހިފައިވަނީ އެ ފަރާތްތައް ދިރިއުޅެން މަޖުބޫރުވެފައިވާ ގޮތުގެ ސަބަބުން ކަމަށް ރެޑް ކްރެސެންޓުން ވަނީ ބުނެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް-19 ޖެހުނު ގިނަ ބިދޭސީންނަށް އެ ބަލި ޖެހިފައިވަނީ އެ ފަރާތްތައް ދިރިއުޅެން މަޖުބޫވެފައިވާ ގޮތުގެ ސަބަބުން ކަމަށް ރެޑް ކްރެސެންޓުން ބުނެފި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 527 އަށް އަރާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 268 މީހުންނާއި، 183 ދިވެހީންނާއި 52 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ތިން މީހުންނާއި ލަންކާ ތިން އަދި އެހެނިހެން ގައުމުތަކުން ހަތަރު މީހެކެވެ.

ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓްގެ ރައީސް އަލީ ނަޝީދު ވިދާޅުވީ، ބިދޭސީން ދިރިއުޅޭ ތަންތަނައި ގުޅޭ ގޮތުން މީގެ ކުރިން ވެސް ވާނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަނަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ވަރުގެ ހާލަތުގައި ހުރި ތަންތަން ކަމަށެވެ.

އަދި އެ ތަންތަނުގެ ހާލަތު ހުރީ ކޮވިޑް-19 ފަދަ ފަސޭހައިން ގައިން ގަޔަށް އަރާބަލިތަށް ފެތުރެން މަގުފަހިވާ ގޮތަށްކަން އަލީ ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން ބައެއް ތަންތަނަކީ ޝިފްޓް ބަހައިގެން މީހުން ނިދާތަންތަންކަމަށް އަލީ ނަޝީދު ވިދާޅުވި އެވެ.

"ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ބަލިވެފައިވަނީ ދިރިއުޅެން މަޖުބޫރުވެފައިވާ ގޮތުގެ ސަބަބުން،" އަލީ ނަޝީދު ވިދާޅުވި އެވެ.

މުޖުތަމައެއްގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އެ މުޖުތަމައެއްގައި އުޅޭ އެންމެ ނާޒުކު މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަން އަލީ ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ސަރުކާރާއި ގުޅިގެން އެކަންކަން ރަނގަޅު ކުރުމަށް ރެޑް ކްރެސެންޓް އޮތީ ތައްޔާރަށް ކަމަށެވެ.

މާލޭގައި ދިރިއުޅޭ ބިދޭސީންްގެ މެދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރަން ނިންމައި އޭގެތެރެއިން އެއްބަޔަކު ރޭ ވަނީ ގުޅީފަޅުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށްފަ އެވެ. އެކަން ރެޑް ކްރެސެންޓުން ވަނީ ފާހަގަކޮށްފަ އެވެ.

"ބިދޭސީ މަސައްކަތްތެރިން ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވެފައިވާ ތަންތަން ލޮކްޑައުންކުރުމާއި އެފަދަ ތަންތަން ކަރަންޓީން ކުރަންޖެހޭ ހާލަތްތަކުގައި އެކަންކަމުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެޅޭނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދުނާކޮށް ވަރުގަދަ ކުރުމަށް އަޅުގަނޑުމެން ގޮވާލަން،" އަލީ ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް