އަންހެން ކުޅުންތެރިންގެ މުސާރަ ކުޑަވުމުގެ މައްސަލަ ކޯޓުން ބޭރު ކޮށްލައިފި

ވޭތުވެ ދިޔަ އަހަރުގެ އަންހެނުންގެ ވޯލްޑްކަޕު މެޗެއްގައި އެމެރިކާގެ ޓީމުން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---

ފިރިހެން ކުޅުންތެރިންނާ އެއްވަރުގެ މުސާރައެއް އަންހެން ކުޅުންތެރިންނަށް ނުލިބޭ މައްސަލާގައި އެމެރިކާގެ އަންހެން ޓީމުގެ ކުޅުންތެރިން ކޯޓުގައި ކުރި ދައުވާ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ފައިލްކޮށް އެމެރިކާގެ ކޯޓަކަށް ހުށައަޅާފައި ވަނީ ވޭތުވެ ދިޔަ އަހަރުގެ އަންހެނުންގެ ވޯލްޑްކަޕު އުފުލާލި އެމެރިކާގެ ވުމެންސް ޓީމުންނެވެ. ޔޫއެސް ސޮކާ ފެޑެރޭޝަން (ޔޫއެސްއެސްއެފް) އާ ދެކޮޅަށް އެ ޓީމުން މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ފިރިހެން ކުޅުންތެރިންނާއި އެއްވަރުގެ މުސާރައެއް އެ ކުޅުންތެރިންނަށް ނުދޭ ކަމަށް ބުނެ އެވެ.

އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 28 ކުޅުންތެރިއަކަށް ޖުމުލަ 66 މިލިއަން ޔޫއެސް ޑޮލަރު ހޯދުމަށް އެމެރިކާގެ ވުމެންސް ޓީމުން ވަނީ އެދެފަ އެވެ. އެކަމަކު ކޯޓުން އެ މައްސަލަ ނުބަލާނެ ކަމަށް ބުނެ އިއްޔެ ވަނީ ބޭރުކޮށްލައިފަ އެވެ.

އެހެން ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމަށް އަލުން ހުށައަޅާނެ ކަމަށް އެމެރިކާ ވުމެންސް ޓީމުގެ ވަކީލް މޯލީ ލެވިންސަން ވަނީ ބުނެފަ އެވެ.

"މުސާރަ ދިނުމުގައި ޖިންސީ ތަފާތު ކުރުން ނައްތާލުމަށް ކުރަމުން މިދާ މަސައްކަތް ހުއްޓައެއް ނުލާނެ. އެކަމަކު ކޯޓުން މި ލިބުނު ޖަވާބަކުން ހައިރާންވެ، މާޔޫސް ވެއްޖެ." މޯލީ ލެވިންސަން ބުންޏެވެ.

ވިދިވިދިގެން ދެވަނަ ފަހަރަށް އަންހެނުންގެ ވޯލްޑް ކަޕުގެ ތަށި އެމެރިކާއިން މިދިޔަ އަހަރު ދިފާއު ކުރި އިރު އިރު ހަމަ އެ ރޭ އެ ގައުމުގެ ފިރިހެން ޓީމު ވަނީ އުތުރު އެމެރިކާ ބައްރުގެ ގޯލްޑް ކަޕުގެ މުބާރާތުގެ ފައިނަލުން ބަލިވެފަ އެވެ. ފުޓުބޯޅައިގެ ރޮނގުން އަންހެނުންގެ ކާމިޔާބީ އެމެރިކާގައި ބޮޑުވެފައި ވާ އިރު އެ ގައުމުގެ އަންހެން ޓީމު ވަނީ މިހާތަނަށް ހަތަރު ފަހަރަކު ވޯލްޑް ކަޕު ކާމިޔާބު ކޮށްފަ އެވެ.

އެހެން ނަމަވެސް އެގައުމުގެ ފިރިހެން ޓީމަށް އެ މުބާރާތުން ލިބުނު މުސާރަ ވަނީ އަންހެން ކުޅުންތެރިންނަށް ވުރެން ތިން ގުނ އިތުރު ވެފަ އެވެ.

"އަހަރަމެން މިކަމުގައި މިކުރާ ހަނގުރާމަ ހުއްޓައެއް ނުލާނަން. އަންހެނަކަށް ވީތީ އެއްވެސް ކަމެއްގައި ތަފާތު ކުރެވިގެން ނުވާނެ. މިކަމުގައި ކާމިޔާބުވާނެ ކަން ޔަގީން." މޯލީ ލެވިންސަން އިތުރަށް ބުންޏެވެ.

މިއަހަރުގެ ތެރޭގައި ޔުނައިޓެޑު ނޭޝަންސް އިން އާންމު ކުރި ދިރާސާއެއްގައި ވާގޮތުން ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީގެ މުސާރައާއި ބޯނަސް އެކަނި ވެސް 1600 ޕްރޮފެޝަނަލް އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށް ވުރެން ބޮޑު ކަމަށް ދައްކަ އެވެ.

comment ކޮމެންޓް